ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރ. ދުވާފަރުގައި ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި މީހަކާ ދެކޮޅަށް ކުށް ސާބިތުވެފައިވާ ކަމަށެވެ.
ކުށް ސާބިތުވެފައި ވަނީ ޑީއެންއޭ ހެކީގެ އިތުރުން ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ ބަޔާނުގެ ސަބަބުން ކަމަށާއި، 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ވެސް ވަނީ ރޭޕްކުރިކަމުގެ ކުށް ސާބިތުވެ ގދ. ތިނަދޫ، ހުޅަނގުގެ، ހަސަން ފާއިޒު (ޖޭސަން) 15 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.
އޭގެ އިތުރުން މިދިޔަ މަހު އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އިބްރާހިމް ޝާހުގެ ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމި އެވެ. އޭގެ އުގޫބާތެއްގެ ގޮތުން ތިން އަހަރަށް ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ.