ads
ނައިބު ރައީސް ފައިސަލް ނަސީމް ކުޅުދުއްފުށީ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
"2020 ވަނަ އަހަރު ކައުންސިލުތަކުގެ ބަޖެޓުން ގިނަ ކަންކަން ހައްލު ވާނެ"
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތައް އިތުރުވެ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ލިބުމުން ކައުންސިލަރުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތައް އިތުރުވެ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ލިބުމުން ކައުންސިލަރުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އެފަދައިން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ކުޅުދުއްފުށްޓަށް މިއަދު ވަޑައިގެން އެރަށު ކައުންސިލަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ނައިބް ރައީސްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މައްސަލަ އާއި މީހުން ތަމްރީނުކޮށް އެކި ދާއިރާތަކުން މީހުން ބިނާ ކުރުމުގައި އެހީތެރިކަން ބޭނުންވުން ހިމެނެ އެވެ.

ކައުންސިލުގެ އިދާރާގެ ޖާގައިގެ ދަތިކަމުން ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރައްވާ ވާހަކަ ދެއްކެވުމުން ނައިބް ރައީސް ވިދާޅުވީ ކައުންސިލުން ކަންކަން ކުރުމުގައި ރައްޔިތުންނާއި ހިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރައްގީގެ ކަންކަން ކުރިޔަށް ގެންދިއުމުގެ މުހިންމު ކަމަށެވެ.

އޭގެ އިތުރުން އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާ ކުރުމުގެ މުހިންމު ކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން ނައިބު ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި މި އަހަރުގެ ހިތާނީ ކޭމްޕު ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފަ އެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ސްޓާފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސިއްހީ ހިދުމަތުގެ ފެންވަރު މަތި ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި ހާއްސަކޮށް، ބައެއް ސަރަހައްދުތަކުގައި މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތަފާތު އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށް އެކި ރަށްރަށުން ވެސް ގިނަ ބަޔަކު ޒިޔާރަތް ކުރާ ހޮސްޕިޓަލެއް ކަމުގައި ވާތީ އެ ހޮސްޕިޓަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އޯގާތެރިކަމާއެކު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެއްވުމަށް ހޮސްޕިޓަލުގެ މެނޭޖުމަންޓާއި ސްޓާފުންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ނައިބު ރައީސް މިއަދު ވަނީ އެރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ވެސް ބައްލަވައިލައްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް