ads
ހޯރަފުށި އެއާޕޯޓު--- ފޮޓޯ: އެމްޓީސީސީ
ހޯރަފުށި ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުމެއް، އުއްމީދުން ފުރިފައި!
"ހޯރަފުށީ އެއާޕޯޓުގެ ސަބަބުން ފާގަތިކަން ލިބިގެން ދާނީ ހަމައެކަނި މި ރަށަކަށް ނޫން އިނގޭތޯ. މި އެއާޕޯޓުގެ ސަބަބުން މުޅި ބޮޑު ތިލަދުންމައްޗަށް ވެސް ފަސޭހަތައް ލިބިގެންދާނެ،" މިއީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ހޯރަފުށީ އެއާޕޯޓާއި ބެހޭ ގޮތުން ވިދާޅުވި ވާހަކަ އެވެ.

މިއަދަކީ ހޯރަފުށީ ރައްޔިތުން ކުރި ދިގު އިންތިޒާރަށް ނިމުން އަންނާނޭ ދުވަހެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 198 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެއާޕޯޓްގެ މަޝްރޫއު ނިމިފައިވާ އިރު، މިއަދު އެ އެއާޕޯޓް ރަސްމީކޮށް ހުޅުވާނެ އެވެ.

ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެ

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެ އެއާޕޯޓްގެ ސަބަބުން ބޮޑު ތިލަދުންމަތީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަންފާކުރާނެ ކަމަށެވެ. އެއާޕޯޓްގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އާމްދަނީ ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުމުގެ ސަބަބުން ބޮޑު ތިލަދުންމަތީ ސަރަހައްދުގެ ރައްޔިތުން މާލޭ ސަރަހައްދަށް ވަޒީފާ ހޯދަން ދަތި ހާލުގައި އުޅެން ނުޖެހޭނެ އެވެ.

ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަތައް

އެއާޕޯޓްގެ ސަބަބުން ބޮޑު ތިލަދުންމަތީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ. ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި ބޮޑު ތިލަދުންމަތީ ސަރަހައްދުގެ ރައްޔިތުން މާލެ ދިއުމަށްޓަކައި ހަނިމާދޫ އެއާޕޯޓަށް ފެރީގައި ދަތުރުކުރަން ޖެހުމުން އޭގެ ސަބަބުން ވަގުތުތައް ބޭކާރުވެ، އަތުން އިތުރު ހޭދަތަކެއް ކުރެވެއެވެ. ނަމަވެސް ހޯރަފުށީގައި އަލަށް އަޅާ އެއާޕޯޓްގެ ސަބަބުން ވަގުތު ސަލާމަތްވެ، އިތުރު ހަރަދުތަކެއް އަތުން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަތުރުވެރިކަން ކުރި އަރައިގެން ދާނެ

ހޯރަފުށީ ކަައުންސިލްގެ ރައީސް ވަހީދުގެ އެއް އުއްމީދަކީ އެ ރަށުގައި އަޅާފައިވާ އެއާޕޯޓްގެ ސަބަބުން އެ ސަރަހައްދުގެ ރަށްތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެ، އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ. އެއާޕޯޓްގެ ސަބަބުން ފަތުރުވެރިންނަށް އެ ސަރަހައްދަށް އައުމަށް ފަސޭހަވެ، ފަތުރުވެރިންނަށް އެ ސަރަހައްދު އިޝްތިހާރުވެގެން ދާނެ އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސްގެ ވާހަކަތައް ހުރި ގޮތުން އެ ރަށުގެ އެއާޕޯޓާއި މެދު ކުރެވޭ އުއްމީދުގެ ބޮޑުކަން އެބަ ހާމަވެ އެވެ. ހަމަ އެހެންމެ، އެ ރަށާއި، ބޮޑު ތިލަދުންމަތީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެއާޕޯޓާއި މެދު ކުރާ އުންމީދުތައް ވެސް ހަމަ އެހާމެ ބޮޑެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް