ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 14 ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާކުރަމުން އަންނައިރު އެ ދުވަހާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް މިއަދަށް ރާވާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް އެކި ދުވަސް މަތިން ބަހާލައިގެން ޓީވީ އަދި
ރޭޑިއޯ ޕްރޮގްރާމުތަކުގައި ތަޖުރިބާކާކުން ހަކުރު ބައްޔާބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މިރޭ ހަކުރުބައްޔަށް އަހުލުވެރި ކުރުމުގެ ގޮތުން ވަނީ އައިޖީއެމްއެޗް އާއި، ޑައިބެޓީސް ސޮސައިޓީ އަދި އެޗްޕީއޭ ގުޅިގެން ވެބިނާ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވެބިނާގައި ޑައިޓިޝިއެން، ނިއުޓިރިޝަނިސްޓުން، ފިޒީޝިއަނުން، ޕަބްލިކް ހެލްތް އެކްސްޕާޓުން މައުލޫމާތު ދެއްވާނެ ކަމަށާއި އަދި ވެބިނާގެ ތެރެއިން ސުވާލުކުރުމުގެ ފުރުސަތު ވާނީ އާންމުންނަށް ހުޅުވާލެވިފައި ކަމަށެވެ.
އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނާއިން (އައި.ޑީ.އެފް) އިން އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން އެވެ. އެ ޝިއާރަކީ 2020 އަދި 2021 ގައިވެސް ބޭނުންކުރުމަށް އާއްމު ކޮށްފައިވާ ޝިއާރެކެވެ. މި ޝިއާރުގެ މަގްސަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކައް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަހައްމަލު ކުރަން ޖެހިފައިވާ ސިއްހީ މައްސަލައެއް ކަމަށާއި ހަކުރުބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުން ޖެހޭ ބައްޔެއް ކަމަށެވެ.
ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ "ޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދިނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.
އޭގެ އިތުރުން ވެސް އާއިލާގައި ހަކުރުބަލީގެ މީހުންތިބުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެގެންދެ އެވެ. އިންޓަނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަން ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ.
އޭގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ. 2019 ވަނަ އަހަރުގައި 4.2 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ. ދިވެހި ރާއްޖޭގެ ޑިމަގުރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކީ ގޮތުގައި 4 އިންސައްތަ އަންހެނުން އަދި ދެ އިންސައްތަ ފިރިހެނުން ވަނީ ހަކުރުބަލި ޖެހިފައިވާކަމަށް ރިޕޯޓް ކޮށްފަ އެވެ.
އޭގެ ތެރެއިން 50 އިންސައްތަ އަންހެނުން އަދި 40 އިންސައްތަ ފިރިހެނުން ވަނީ ހަކުރުބައްޔަށް ބޭސްފަރުވާކުރާކަމަށް ރިޕޯޓްކޮށްފަ އެވެ. 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓް އިން ދައްކާ ގޮތުގައި ރާއްޖޭގައި %3.7 މަރުވެފައި ވަނީ ހަކުރު ބަލީގަ އެވެ.