ads
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން--
ހިރި ގަލު މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ލިސްޓަށް ލުމަށް މަސައްކަތް އެބަ ކުރެވޭ: ޔުމްނާ
ހިރި ގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް ލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ހިރިގަލު ހަ މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާކަމަށާއި އެ މިސްކިތްތައް ވެސް ޔުނެސްކޯގެ ދާއިމީ ލިސްޓަށް ލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 


"މިހާރުވެސް ހަ މިސްކިތެއް އެބަ އޮވޭ ޔުނެސްކޯގެ ވަގުތީ ލިސްޓުގަ. ދެން ޔުނެސްކޯއާއިއެކު އަދި ވޯލްޑް މޮނިއުމެންޓްގެ އެހީ ތެރިކަމާއިއެކު ރާއްޖޭގެ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަރަށް ބޮޑު އިސްކަމެއް ދެއްވާގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތް އެއީ ހިރި ގަލު މިސްކިތްތައް އެގޮތަށް ރައްކާތެރިކުރުން،" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ ނަމޫނާ މިސްކިތެއް ކަމަށާއި އެތަނުން ދައްކައިދެނީ ދިވެހިންގެ ތާރީހާއި ތަަރިކަ އަދި ފަންނުވެރިކަން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހަމައެކަނި ކަޅުވަކަރު މިސްކިތްތޯ ހިމާޔަތްކުރަނީ ބައެއް ފަރާތްތަކުން ސުވާލުކޮށް ފާޑުކިޔާކަމަށާއި އެހެންނަމަވެސް ހިމާޔަތް ކުރުމަށް މަސައްކަތްކުރަމުން ދަނީ ހަމައެކަނި ކަޅަވަކަރު މިސްކިތް ނޫންކަމަށެވެ. 

"ކަޅުވަކަރު މިސްކިތަކީ ނަމޫނާ މިދެންނެވިހެން މޮޑެއްލެއް މިއީ ހަމަ ކުރެވިދާނެކަމެއްކަން އަޅުގަނޑުމެންނަށް މިދައްކުވާދެވުނީ. މިސްކިތްތައް ރަނގަޅަށް ބަލަހައްޓާ ރީތި ޕާކެއްގެ ތެރޭގައި މީހުންނަށް ބަލާލެވެން އާދެވޭގޮތަށް ހިތްފަސޭހަ ގޮތަކަށް ބެހެއްޓުމަކީ. ހަމަ އެގޮތަށް އަތޮޅުތޭރޭގައި ހުރި އެފަދަ މިސްކިތްތައްވެސް ހަމަ އެ ނަމޫނާއި އެއްގޮަތަށް ރީއްޗަށް އެތަންތަން ރައްކާތެރިކޮށް ޑިސްޕްލޭ ކުރެވިއްޖެޔާ މިއީ ކުރެވިދާނެ ކަންކަން. މިއީ ފެށުމޭ އިރާދަކުރެއްވިޔާ އަޅުގަނޑުމެން ހަމަ ރާއްޖޭގެ އެހެން ހިސާބުތަކުގައި ހުރި އެހެން މިސްކިތްތައް ވެސް ރައްކާތެރިކުރުމަށް މި މަސައްކަތް ކުރަނީ" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތަކީ ރައީސް ޔާމީންގެ ސަރުކާރުން އެ މިސްކިތް ރޫޅާލުމަށްފަހު އެހެންތަނަކަށް ގެންދަން ނިންމާފައިވާ މިސްކިތެކެވެ. އެހެންނަމަވެސް ފަހުން ޗާންދަނީ މަގު ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ސަރަހައްދުގައި ކަޅުވަކަރު މިސްކިތް އަލުން ރާވައި ނިންމާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. 

ކަޅުވަކަރު މިސްކިތަކީ ލަކުޑީގެ ރީތި މަސައްކަތްތަކާއި، ގަލުވަޑާމުގެ ކަވި މަސައްކަތްތަކާ އެކު ދިވެހިންގެ އަތްތެރިމަސައްކަތް ވަރަށް ރީތިކޮށް ދައްކުވައިދެ މިސްކިތެކެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓިއިރު މިސްކިތުގެ ހިރިގަލުގެ ބްލޮކްތަކަށް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައިވާތީ އެފަދަ ބްލޮކްތައް ހެރިޓޭޖް މިނިސްޓްރީން ވަނީ ބޭނުންކުރެވޭ ގޮތަށް ހަދާފަ އެވެ.

ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ބަޔަކީ ހިރިގަލުގެ ބްލޮކްތަކަކުން ރާވާލާ ގޮތަށް ހަދާފައިވާ ބަޔަކަށް ވާތީ ހިރިގަލުގެ ބައިގެ މަސައްކަތްތައް ނިމުމާ އެކު މިސްކިތުގެ ހައިބަތު މިހާރުވެސް ވަނީ ފެންނަން ފަށާފަ އެވެ.

ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށް ކުރަންޖެހޭ މަސައްކަތުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވީ ނަމަވެސް މިސްކިތް ހުރި ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ވަކި ދުވަހެއް ހެރިޓޭޖު މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކަޅުވަކަރު މިސްކިތް އަލުން ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވީ ނަމަވެސް މިމިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް