އާދައިގެ މަތިން މާބަނޑު އިރު ހަދަން ޖެހޭ ރޫޓީން ޓެސްޓުތައް ހަދަމުން ދިޔަ ނަމަވެސް މި މައްސަލަ ފާހަގަނުވެ ދާނެ އެވެ. އެކަމަކު ގުލްކޯސް ސްކްރީނިން ޓެސްޓުން ހަކުރު މަތި ނަމަ ޔަގީން ކުރެވެ އެވެ. އެގޮތުން އައިޝަތު މޫސާ (އަސްލު ނަމެއް ނޫން) ބަނޑަށް ފަސް މަހުގައި ފުރަތަމަ ޓެސްޓު ހެދިއިރު ހުރީ ރަނގަޅަށެވެ. އެކަމަކު އޭގެ ދެ ތިން ހަފްތާ ފަހުން ގުލްކޯސް ޓެސްޓުން ނަތީޖާ ގޯސް ކަމަށް ދެއްކި އެވެ.
އެގޮތުން 400 ގައި ހަކުރު ހުރިއިރު މިއީ ބަނޑުގައި އޮތް ދަރިފުޅަށް ނުރައްކާ މިންވަރެއް ކަން އޭނާއަށް އެނގުނެވެ. މާބަނޑު އިރު ހަކުރު މަތިވުމުން މައިމީހާގެ ހަށިގަނޑުން އޭގެ އަސަރުތަކެއް ކޮންމެހެން ނުފެނިދާނެ އެވެ. އޭގެ ބަދަލުގައި ނުރައްކާ ބޮޑު ވަނީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށެވެ. އެހެންކަމުން އައިޝަތު ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމުން އެންގީ ހަކުރު ކޮންޓްރޯލް ކުރަން ފިޔަވަޅު އެޅުމަށެވެ.
އައިޝަތުގެ ހަކުރު ހުރި މިންވަރުން އޭނާއަށް އެންގީ އެންމެ ފުރަތަމަ ވެސް އިންސިއުލިން ޖެހުމަށެވެ. އެގޮތުން ދުވާލަކު ތިން އިރު ކެއުމުގެ 30 މިނެޓު ކުރިންނާއި ރޭގަނޑު ނިދުމުގެ ކުރިން އިންސިއުލިން ޖަހަން ޖެހުނެވެ. އެއަށްފަހު ދުވާލަކު ހަތަރު އިރު ހަކުރު ޓެސްޓުކޮށް، ރިކޯޑް ބަލަހައްޓަން ޖެހުނެވެ. އަދި ކެއުމުގެ އާދަތައް ބަދަލުކޮށް ޑަޔަޓުގައި ބޭނުން ކުރަމުން ދިޔަ ބައެއް ބާވަތްތައް މަދު ކުރަން ޖެހުނެވެ.
ހަކުރު ބަލީގެ އެހެން ބާވަތްތައް ފަދައިން މާބަނޑު އިރު ޖެހޭ ހަކުރު ބަލީގެ ސަބަބުން އަސަރު ކުރަނީ ހަށިގަނޑުގެ ސެލްތައް ހަކުރު ބޭނުން ކުރާ ގޮތަށެވެ. މާބަނޑު އިރު ހަކުރު މަތިވާ މީހުން ވިހެއުމުން އާއްމު ގޮތެއްގައި ކުރިން ހުންނަ މިންވަރަށް ހަކުރު ތިރިވެ އެވެ. އެކަމަކު މާބަނޑު އިރު ހަކުރު މަތިވާ ނަމަ މިއީ ޓައިޕް 2 ޑައިބެޓީސް ޖެހިދާނެ ކަމުގެ ނިޝާނެކެވެ. އެހެންކަމުން ވިހެއުމަށް ފަހު ވެސް ރަނގަޅު ޑަޔަޓެއް ގެންގުޅެ، ކަސްރަތުކޮށް، ގަވާއިދުން ހަކުރު ޓެސްޓު ކުރުން މުހިއްމެވެ.
ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ "ޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދިނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.
މާބަނޑު އިރު ހަކުރު މަތިވާ ނަމަ އާއްމުކޮށް އެއްވެސް އަލާމާތެއް ނުފެނެ އެވެ. ފެން ބޮވުމާއި ގިނައިން ކުޑަކަމުދިޔުމަކީ މާބަނޑުވުމުން ދިމާވާ ކަންކަން ކަމަށް ވުމުން އެއީ ހަކުރު މަތިވާތީ ދިމާވާ ކަމެއް ކަން ދެނެގަންނަން ގިނަ އަންހެނުންނަކަށް ނޭނގެ އެވެ. ތަޖުރިބާކާރުން ލަފާ ދޭ ގޮތުގައި އެންމެ ރަނގަޅު ފިޔަވަޅަކީ ގަވާއިދުން ޓެސްޓުތައް ހަދާ ބެލުމެވެ.
މާބަނޑު އިރު ހަކުރު ބަލި ޖެހެނީ ކީއްވެ ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެކަމަކު ބަރުދަން އިތުރުވުމަކީ ސަބަބަކަށް ވުން އެކަށީގެންވެ އެވެ. އާއްމުކޮށް ހަކުރު ބެލެންސްކޮށްދެނީ ހޯމޯނުން ނަމަވެސް، މާބަނޑު އިރު ހޯމޯންތަކަށް ބޮޑު ބަދަލެއް އާދެ އެވެ. އެހެންކަމުން ހަކުރު ކޮންޓްރޯލް ކުރަން އުނދަގޫވެ އެވެ. އޭގެ އިތުރުން އާއިލާގައި ހަކުރު ބަލި އުޅޭ ނަމަ މާބަނޑު އިރު ހަކުރުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށް ވެއެވެ.
މި މައްސަލަ ދިމާވުމުން ދަރިފުޅުގެ ބަރުދަން މާ ބޮޑަށް އިތުރުވެދާނެ އެވެ. އަދި އަވަހަށް ދުވަސް ނުފުރާ ވިހަން ޖެހުމުގެ ފުރުސަތު ބޮޑުވުމާއި، ނޭވާލުމުގެ މައްސަލަތައް ދަރިފުޅަށް ދިމާވުމާއި ވިހާތަނުން ދަރިފުޅުގެ ހަކުރު ކުއްލިއަކަށް ދަށްވުން ފަދަ ކަންކަން ދިމާވެދާނެ އެވެ. އޭގެ އިތުރުން މަންމަ ސިޒޭރިއަން ހެދުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ދިރާސާދަކުން ދައްކަ އެވެ.
މާބަނޑު އިރު ޑަޔަބެޓިކް ނުވާނެ ކަމުގެ ޔަގީންކަމެއް އެއްވެސް މީހަކަށް ނޯވެ އެވެ. އެހެންކަމުން މިކަމަށް އޮތް ހައްލަކީ ގިނައިން ޓެސްޓު ކުރުމާއި، ގަވާއިދުން ކަސްރަތުކޮށް ޑަޔަޓު ބެލެހެއްޓުމެވެ. ވިހެއުމާ ހަމައަށް ހަކުރު ބެލެހެއްޓިއްޖެ ނަމަ ދަރިފުޅަށް އެއްވެސް މައްސަލައެއް ދިމާނުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އޭގެ އިތުރުން މަންމަގެ ހަކުރު ކުރިން ހުރި މިންވަރަށް ދަށަށް ދެއެވެ.
އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނާއިން (އައިޑީއެފް) އިން އިއްޔެ ވަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކޮށްފަ އެވެ. އައިޑީއެފްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ.
އޭގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ. 2019 ވަނަ އަހަރުގައި 4.2 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ. ދިވެހި ރާއްޖޭގެ ޑިމޮގުރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކީ ގޮތުގައި ހަތަރު އިންސައްތަ އަންހެނުން އަދި ދެ އިންސައްތަ ފިރިހެނުން ވަނީ ހަކުރުބަލި ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފަ އެވެ.
އޭގެ ތެރެއިން 50 އިންސައްތަ އަންހެނުން އަދި 40 އިންސައްތަ ފިރިހެނުން ވަނީ ހަކުރުބައްޔަށް ބޭސްފަރުވާ ކުރާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓް އިން ދައްކާ ގޮތުގައި ރާއްޖޭގައި 3.7 ޕަސަންޓު މަރުވެފައި ވަނީ ހަކުރު ބަލީގަ އެވެ.