ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މީހަކު ފޮނުވި ސުވާލެއްގައި ވަނީ މިނިސްޓަރު ކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަކަށް ވުމުން ކަމަށް ގަބޫލުކުރައްވާތޯ ނަހުލާއާ ސުވާލުކޮށްފަ އެވެ. ނަހުލާ ރައްދުގައި ދެއްވީ އެންމެ ޖުމްލައެއްގެ ޖަވާބެކެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ކެބިނެޓަށް ވަޒީރަކު އައްޔަނު ކުރައްވާނެ ކަމަށް ވަކި މީހެއްގެ އަތްބަކަށް ވެގެން،" ޖަވާބުގައި ނަހުލާ ވިދާޅުވި އެވެ.
ނަހުލާ އެހެން ވިދާޅުވުމާއެކު އެކި މީހުން ވަނީ އެކި ގޮތަށް ހިޔާލުފާޅުކޮށްފަ އެވެ. އެގޮތުން ނަހުލާގެ ވާހަކައަށް ތާއީދުކޮށް ބައެއް މީހުން ވާހަކަދެއްކި އިރު، ހިޔާލު ފާޅުކުރި ގިނަ މީހުން ބުނެފައި ވަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި ނަހުލާގެ ގާބިލްކަމާ މެދު ސުވާލު ވެސް އުފެއްދި އެވެ.
އެ ވާހަކަތަކުގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ފާޅުކުރެއްވި ހިޔާލަށް ބަލާލަމާ ހިނގާށެވެ. މާރިޔާ ވިދާޅުވި ގޮތުން ނަމަ ޓްރާންސްޕޯޓް މިނިސްޓްރީއާ މެދު ރައްޔިތުންގެ ޝަކުވާއެއް ނެތެވެ. އަދި ނަހުލާ ވަނީ ފުރިހަމައަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގެންފައި ކަމަށް ވެސް ވިދާޅުވި އެވެ.
"ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާ މެދު ރައްޔިތުންގެ ޝަކުވާތަކެއް އޮތް ކަމަކަށް ނުފެނޭ. މަޖިލިސް އިން އެދިވަޑައިގެންނެވި ކޮންމެ ފަހަރަކު ނަހުލާ ވަނީ ފުރިހަމައަށް ޖަވާބުދާރީ ވެފަ. ކޮރަޕްޝަން އެލިގޭޝަން އެއް ނެތް. އެ މީހަކީ ކާކުކަން މުހިއްމެއް ނޫން، މުހިއްމީ މީހާ ކުރާ މަސައްކަތް!!،" މާރިޔާ ކުރެއްވި ޓްވީޓުގައި ވެއެވެ.
އެ ޓްވީޓަށް ކޮމެންޓު ކުރި މީހުންގެ ތެރޭގައި ގިނަ މީހުން ވަނީ މާރިޔާގެ ވާހަކައާ ދެކޮޅަށް ހިޔާލުފާޅުކޮށްފަ އެވެ.
"މިނިސްޓަރު ކަމާ ހަވާލުވެފައި 100 ދުވަސް ތެރޭގައި ކުރި ކަމަކީ ހިތްހަމަނުޖެހޭ ހުރިހާ މުވައްޒަފުންނަށް އިންޒާރު ދީ ވަޒީފާއިން ކަނޑާލާ އެތައް އާއިލާތަކެއް މަގުމަތިކޮށްލުން... ކޮރަޕްޓު ނުވިޔަސް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. ހިތްޕުޅާ ނުވާ މީހަކު އެޕްލައި ކޮށްފިއްޔާ ވަޒީފާއެއް ނުދޭ،" އަލީ ޝާހް (ސްޓެޕް އައްޔަ) ކުރި ޓްވީޓުގައި ވެއެވެ.
އައިޝަތު މަމްދޫހާ ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ ޓްރާންސްޕޯޓް މިނިސްޓްރީއާ މެދު ބައިވަރު ޝަކުވާ އެބަހުރި ކަމަށާއި "ޓްރާންސްޕޯޓަކީ ރައްޔިތުން ލައްވާ ވެސް ވައްކަން ކުރުވާ ހަމައެކަނި މިނިސްޓްރީ" ކަމަށެވެ.
އިތުރު މީހަކު ބުނެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަކީ މީހުންގެ ފޯނަށް ޖަވާބުދޭ ތަނެއް ނޫން ކަމަށާއި ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ފޯރުކޮށްދޭން ދަންނަ މިނިސްޓްރީއެއް ނޫން ކަމަށެވެ.
"ޑޮކިޔުމެންޓްސް ހަވާލު ކުރީމަ އެ ޑޮކިޔުމެންޓްސް ލެވޭ ނުލެވޭ ތަން ނޭނގި އަނެއްކާ އެ ހުށަހަޅާ މީހާއަށް ހަތް އުނދަގީ ޖެހިފައި! އިމާރާތް ބަދަލުވީ. ހިދުމަތް ޒީރޯ!،" މުހައްމަދު ފައުޒާން ބަދީއު ކިޔާ މީހެއްގެ ޓްވީޓެއްގައި ވެއެވެ.
މިގޮތަށް ގޮސް ގިނަ ބަޔަކު ނަހުލާ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ މެދު ފާޑުކިޔާފައި ވާއިރު، "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވެސް އެހުންތެރިން ފޮނުވި ސުވާލުތަކުގައި ހަމަ މި މައްސަލަތައް ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ގޯސް ވާހަކަ އާއި ކޮރަޕްޝަނުގެ ވާހަކަ ވެސް އެހުންތެރިން ފޮނުވި ސުވާލުތަކުގައި ވެއެވެ.
އެ ހުރިހާ ސުވާލަކަށް ނަހުލާ ޖަވާބުދެއްވި އެވެ. އަދި ހިދުމަތް ދިނުމުގައި މައްސަލަތައް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ފާހަގަކުރެއްވީ މުވައްޒަފުން މަދު ކަމެވެ. އަދި އެކަންކަން އަންނަ އަހަރު ހައްލު ވާނެ ކަމުގެ ޔަގީން ކަން ދެއްވި އެވެ. ކޮރަޕްޝަނުގެ މައްސަލާގައި ނަހުލާ ވިދާޅުވީ އެފަދަ މައްސަލައެއް ނޯންނާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރައްވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ކޮންމެއަކަސް މި ވާހަކަތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު އެކި ގޮތަށް ފާޅު ކުރަމުން ދާއިރު، ޓްރާންސްޕޯޓް މިނިސްޓްރީއާ މެދު ހަގީގަތުގައި ވެސް ޝަކުވާ އެއް ނެތީ ތޯ އެވެ؟