ads
ރާއްޖެއަށް ފަތުރުވެރިންތަކެއް އައުން--
ފަތުރުވެރިކަމަށް ކުރިއެރުން، އިގްތިސޯދަށް ހެޔޮ ފާލެއް
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމާއި އެކީ ދަތުރުފަތުރުތައް ހުއްޓި، ރާއްޖެ އިގްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓި، ބައެއް ވިޔަފާރިތައް ބަންދު ކުރަން ޖެހި، ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން ދެމުންގެންދާ ހިދުމަތްތައް މެދު ކަނޑާލަން ޖެހުނެވެ. ރާއްޖޭގެ ވިޔަފާރި އެ ސިނާއަތަކަށް ބިނާވެގެންވާ ފަތުރުވެރިކަމަށް ލޮކްޑައުންގެ ސަބަބުން ބުރޫ އަރައިގެން ދިޔަ އެވެ.

ކޮވިޑް-19 ގެ ހާލަތު ލުއިވުމާއި އެކު، ދެން އިވުނު އަޑަކީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ވާހަކަ އެވެ. އެގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހު ރާޢްޖޭގެ ބޯޑަރު ހުޅުވާލި އިރު، އެ މަސް ނިމެންދެން 1،500 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ޖެހިގެން އޮތް މަހު 7،000 އަށް ވުރެ ގިނައިންނެވެ. ދެން އޮތް މަހު 9،000 އަށް ވުރެ ގިނައިންނެވެ. އެއާއި ޖެހިގެން އޮތް މަހު ދެ ގުނަ އަށް އިތުރުވެގެން ދިޔަ އެވެ. މި މަސް ފަށައިގެން ފުރަތަމަ 11 ދުވަސްތެރޭ 11،000 އާއި ގާތްކުރާ އަދަދަކަށް އައިސްފައިވެ އެވެ.

ކޮންމެއަކަސް ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު ވެސް 2000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. ވުމާއެކު އެ ދުވަހަކީ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ދުވަހެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބައި މިލިއަން ފަތުރުވެރިން ހަމަކުރުން ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

ވަޒީރުގެ ބޮޑެތި އުންމީދުތަކެއް!

ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ ފަތުރުވެރިކަން މަހުން މަހަށް ރަނގަޅުވުމަކީ މި ސިނާއަތަށް އޮތް ހެޔޮ ފާލެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ޑރ. މައުސޫމް ވަނީ އަންނަ މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން މައްޗަށް ދާނެ ކަމަށް ލަފާ ކުރައްވައިފަ އެވެ. ނަމަވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން މި ދަނޑިވަޅުގައި ލޮކްޑައުން އަކަށް ދިއުމުގެ ސަބަބުން އެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާނެ ފަތުރުވެރިން މަދުވާނެ ކަމަށް މިނިސްޓަރު މައުސޫމް ފާހަގަކުރެއްވި އެވެ.

your image ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް

އަންނަ އަހަރު 725،000 ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވީ ނަމަވެސް، އުންމީދަކީ މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން ކަމަށާއި، ކުރިއަށް އޮތް ދުވަސްވަރުގައި ފަތުރުވެރިންގެ އެވަރެޖް ލެންތް އޮފް ސްޓޭ ކުރިން ހުރި ވަރަށް އިތުރުވާނެ ކަމަށް ޑރ. މައުސޫމް ލަފާކުރައްވާފައިވެ އެވެ.

ފަތުރުވެރިކަމަށް ހެޔޮފާލެއް އައުމުގެ އިތުރުން މިނިސްޓަރުގެ އެހެން އުންމީދެއް ވެސް އެބައޮތެވެ. އެގޮތުން ރިސޯޓްތަކުން ވަކިކޮށްފައިވާ މުވައްޒަފުންގެ ވަޒީފާ އަނބުރާ އިއާދަ ވުމާއި، ހަމަ މުސާރަ ނުލިބޭ ފަރާތްތަކުގެ މުސާރަ އިއާދަވުމުގެ އިތުރުން، މިހާރު ރިސޯޓްތަކުގައި އާއިލާ އާއި ބައްދަލުވާނެ ގޮތް ނެތިފައި ތިބި މުވައްޒަފުންނަށް އާއިލާ އާއި ބައްދަލުވެވޭނެ ގޮތް ހަމަޖެހުމަކީ ވެސް މިނިސްޓަރުގެ އުންމީދެކެވެ.

މިނިސްޓަރު މައުސޫމް ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޕްރައިވެޓް ސެކްޓާ އެވެ. އެގޮތުން ފަތުރުވެރިކަން މިހާ ހިސާބަށް ކުރި އަރައިގެން ދިއުމުގައި ގެސްޓް ހައުސްތަކާއި، ރިސޯޓްތަކާއި، އަދި އެނޫންވެސް ފަތުރުވެރިކަމުގެ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކުގެ ދައުރު ބޮޑުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި މަޝްހޫރު ފަރާތްތަކާއި އިންފްލުއެންސަރުންގެ ދައުރުވެސް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް