ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
ބަޖެޓުގެ ދިފާއުގައި އަމީރު: ދަރަނި ނުނަގައިފި ނަމަ ގެއްލުން ވެދާނެ!
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފަށާފައި ވާއިރު، މެމްބަރުން ދަނީ އެކި ގޮތަށް ހިޔާލު ފާޅުކުރަމުންނެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ދިފާއު ކުރައްވާ ޖަލްސާގައި ވާހަކަދައްކަވާފަ އެވެ.

މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލެއްވީ 2021 އަށް ލަފާކުރާ ބަޖެޓު އަލުން އަނބުރާ ގެންގޮސް، 25 ބިލިއަން ރުފިޔާ ކުޑަ ކުރުމަށް ފަހު އަލުން މަޖިލީހަށް ހުށަހެޅުމަށެވެ. އަދި މުޅި ބަޖެޓުގައި ވަނީ ދަރަނި ނެގުމުގެ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ. 

"ހާލަތަށް ރިއާޔަތް ކުރަން ޖެހޭނެ. ގަބޫލުކުރަން ޖެހޭނެ. ގަދަފައި ވިއްދާފައި އަޅުގަނޑުމެން މިކަން ކުރާނަމޭ ބުންޏަކަސް އެކަމެއް ނުކުރެވޭނެ،" ސަލީމް ވިދާޅުވި އެވެ. 

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މި ވަގުތު ސަރުކާރުގެ ޒިންމާއަކީ ރައްޔިތުންނަށް އެންމެ ބުރަކުޑަ ގޮތަކަށް ފައިސާ ހޭދަކުރުން ކަމަށެވެ. 

"34 ނުވަތަ 35 ބިލިއަން ރުފިޔާގެ ބަޖެޓެއް އަޅުގަނޑުމެން މި ފާސް ކުރަނީ. އަޅުގަނޑުމެން އުއްމީދު މި ކުރަނީ މި ފައިނޭންސިން ގެޕް، މި 15 ނުވަތަ 16 ބިލިއަން ރުފިޔާ ދައުލަތުން ސަލާން ޖަހާ ވަށިގަނޑު ހިފައިގެން ގޮސް، ދުނިޔޭގެ އެކިއެކި މާލީ އިދާރާތަކާއި ބޭންކުތަކުން ހޯއްދަވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ވެއްޓުނީމަ ތެދުވަން އިނގެން ވާނެ ކަމަށާއި މިއަދު ވެއްޓިފައި މިވާ ވަޅުގަނޑުން އަރައިގަންނަން ކުރާ މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ.

"ބަޖެޓު ބަރާބަރު. ލާރި ހޯދަންވީ ބަޖެޓަށް. އަޅުގަނޑަށް ތަންކޮޅެއް ކުޑައީ، ވަޒީރު،" ބަޖެޓުގައި ހުރި އަދަދުތައް އަދިވެސް ބޮޑުކުރަންވީ ކަމަށް ވިދާޅުވެ، ޖާބިރު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ބައެއް މެމްބަރުން ވަނީ މަޝްރޫއުތައް މަޑުޖައްސާލަން ގޮވާލައްވާފަ އެވެ. އަދި މަރުކަޒީ ބޭންކުގެ ގަވަރުނަރު ވެސް އިއްޔެ ވިދާޅުވެފައި ވަނީ ބަޖެޓުގައި ހުރި މަޝްރޫއުތައް މި ހާލަތާ ނުބައްދަލު ކަމަށެވެ.

އެކަންކަމަށް ރައްދު ދެއްވާ އަމީރު މިއަދު ވިދާޅުވީ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ މިހާރު ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅުވައިލުމުގެ މަޝްރޫއަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއަށް ވެސް ވަނީ ފައިސާ ހަމަޖެހިފައި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ މި މަސައްކަތަކީ އޯލްރެޑީ ފަންޑެޑް ކަންކަން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން އިގްތިސާދު ކުޑަވެފައިވާ ކަމަށާއި އަމާޒަކީ މިދިޔަ އަހަރު އިގްތިސާދު އޮތް މިންވަރަށް ފުޅާކުރުން ކަމަށް ވާއިރު، އެކަން ކުރެވޭނީ ހަރަދު އިތުރުކޮށް، ދަރަނި ނަގައިގެން ކަމަށެވެ.

"ދެން އަަޅުގަނޑުމެން ތިބެން ޖެހޭނީ ވިޝަސް ސާކަލްއެއްގައި، މި އިގުތިސާދު ދާނީ ކުޑަވަމުން ކުޑަވަމުން،" އަމީރު ވިދާޅުވި އެވެ.

"ޕްރިއޮރަޓައިޒް ކޮށްގެން ލިބޭ މިންވަރަކުން ހޯދައިގެން، ދަރަންޏަށް ފައިސާ ނަގައިގެންވެސް މި އިގްތިސާދު ފުޅާކުރަން، ކުރިން އޮތް އިގްތިސާދަށް ދާން މަސައްކަތް ކުރަން މި ޖެހެނީ. މި އިގްތިސާދު ފުޅާކޮށްގެން ނޫނީ އިތުރަށް މުސްތަގްބަލަށް ލިބޭނެ އިތުރު އާމްދަނީއެއް ނެތް،" އަމީރު ވިދާޅުވި އެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް