
އަންނަ އަހަރުގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ވަނީ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކޮންޖެޝަން ޗާޖެއް އަދި ޕާކިން ފީއެއް ނެގުމަށް ހިމަނާފަ އެވެ. އެގޮތުން އެ ފީތަކުގެ ގޮތުގައި 36.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވެ އެވެ.
ކޮންޖެޝަން ޗާޖެއް ނަގަން ހަމަޖެހިފައި ވަނީ މާލޭ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުންނެވެ. އެ ޗާޖު ނަގާނީ ވެހިިކަލް އަހަރީ ފީ ނެގުމަށް ކަނޑައަޅާފައިވާ ރޭޓުންކަން ފާހަގަކުރެވެ އެވެ.
އޭގެ އިތުރުން އަންނަ އަހަރު ޕާކިންއަށް އާ ފީއެއް ނަގަން ހަމަޖެހިފައިވާއިރު ކާރު ޕާކުކުރާނެ ތަންތަނުން މަހު ފީއެއް ނެގުމަށް ވެސް ހިމަނާފައިވެ އެވެ. އަދި ޕާކިންއަށް ހާއްސަ އިމާރާތެއް އެޅުން ވެސް ހިމެނެ އެވެ.
އަންނަ އަހަރަށް ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި އާ ކަންތައްތަކެއް ވެސް ހިމަނާފައިވާތީ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޭނުންކުރާ ވެހިކަލްގެ 68 އިންސައްތަ ވެހިކަލް ބޭނުންކުރަނީ މާލޭގަ އެވެ.