ads
ވީޑިއޯ ރިޕޯޓް
އެކްސްކްލޫސިވް އިންޓަވިއު: ދެ އަހަރު ތެރޭ އެންމެ ބޮޑު ކާމިޔާބަކީ މީހުން ބިނާކުރުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރުނުއިރު މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މީހުން ބިނާ ކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގެ ތަރައްގީއަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ މީހުން ބިނާކުރުން. އެނގިވަޑައިގަންނަވާނެ ރާއްޖޭގައި ވަޒީފާ އެބަހުރި. ވަޒީފާއަށް މީހުން ތައްޔާރުކުރެވިފައި ނެތުމުގެ ދަތިކަން އެބަ ފެނޭ،" އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހުގެ މި ވާހަކަފުޅާ ގުޅިގެން ސީއެންއެމްގެ ފާތިމަތު އަހްމަދު ޝަރީފު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފާއިތުވި ދެ އަހަރު ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ ހާއްސަ އިންޓަވިއުއެއްގެ ގެނެސްދީފަ އެވެ.

ވޭތުވެ ދިޔަ ދެ އަހަރު މި ދާއިރާއިން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކުރެވުނު މަސައްކަތަކީ ކޮބާ؟

މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ވޭތުވެ ދިޔަ ދެ އަހަރު ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި. ވަރަށް ގިނަގުނަ ކާމިޔާބީތަކެއް ހޯދިފައި. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑުމެންނަށް ގެނެވިފައިވާ އުސޫލީ އަދި ތަންފީޒީ ބަދަލުތައް. އަދި މި ކަންކަމަށް އާއްމުން ހޭލުންތެރި ކުރުމަށްޓަކައި ކުރެވިފައި ހުރި މަސައްކަތްތައް. އަދި މީގެ ނަތީޖާއެއްގެ ގޮތުން މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި އާއްމުން ބައިވެރިވެފައިވާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވޭ. މިދިޔަ އަހަރު ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި 20،000 ގާތް ކުރާ އަދަދަކަށް ދަރިވަރުން އަމަލީ ގޮތުން ބައިވެރިވެފައިވޭ. ދެން އަޅުގަނޑުމެންގެ މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތަށް ބަލާއިރުގައި، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ތަފާތު 89 ސްކޮލަޝިޕް ސްކީމަކުން 300 އަށް ވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ލިބުނު ފުރުސަތުތަކުގައި ވަނީ ފުރައިގެން ގޮސްފައި... 

އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އިތުރު ފުރުސަތުތައް ދަރިވަރުންނަށް ހޯދައިދިނުމަށްޓަކައި ބޭރުގެ ތިން ޔުނިވާސިޓީއަކާ އެކުގައި މިހާރު ވާނީ އެމްއޯޔޫއެއްގައި ސޮއިކުރެވިފައި. މިފަދަ އެމްއޯޔޫތަކުގައި މި ސޮއިކުރަނީ ދިވެހި ދަރިވަރުންނަށް ބޭރުގެ ޔުނިވާސިޓީތަކުން ހެޔޮ އަގުގައި މަތީ ތައުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށްޓަކައި. ޑިސްކައުންޓް ރޭޓުތަކުގައި ބޭރުގެ ތަފާތު ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެންދޭ މިފަދަ އެމްއޯޔޫތަކުގެ ސަބަބުން. މި މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑުގައި އެބަ ކުރިއަށްދޭ. 

ފުރަތަމަ ފަހަރަށް މަތީ ތައުލީމާ ބެހޭ ތަފާސްހިސާބު ފޮތެއް ވެސް އަޅުގަނޑުމެން ވާނީ ޝާއިއުކޮށްފައި. އެނގިވަޑައިގަންނަވާނެ، ދާދި ފަހުން އަޅުގަނޑުމެން ވާނީ މަތީ ތައުލީމާ ބެހޭ ބިލެއް ވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. 

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 244 އާ ތައުލީމީ ޕްރޮގްރާމުތައް ހިންގުމުގެ ހުއްދަ ރާއްޖޭގެ އެކި ކޮލެޖުތަކަށް މި ވަނީ ފޯރުކޮށްދެވިފައި. އަދި ހަމަ އެއާއެކުގައި ނެޝަނަލް ސްކިލްސް ޑެވެލޮޕްމަންޓުގެ ދާއިރާއިން މާސްޓަޕްލޭން ހެދުމުގެ މަސައްކަތް ވަނީ ބޭރުގެ ތަޖުރިބާކާރު ކުންފުންޏަކާ ހަވާލުކުރެވިފައި. 

މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން މީހުން ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ވަޒީފާއަށް މީހުން ހިތްޖެއްސުމަށްޓަކައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް އަޅުގަނޑުމެން ވާނީ ތައާރަފުކޮށްފައި. ތިން ކުންފުންޏަކާއެކު މިހާރު ކުރިއަށްދާ މި ޕްރޮގްރާމުގައި 50 އާ ގާތްކުރާ އަދަދަކަށް ދިވެހި ޒުވާނުން ތައުލީމް ހާސިލްކުރަމުން އެބަދޭ. 

ސަރުކާރުން ކަނޑައަޅާފައިވާ ނެޝަނަލް ސްޓެންޑަޑްތަކާ އެއް ވަރަށް ޓިވެޓުގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާ ފަރާތްތަކަށް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 1400 އަށް ވުރެ ގިނަ ސަނަދު އަޅުގަނޑުމެން ވާނީ ދޫކޮށްފައި. މި ދެންނެވީ 1400 އަށް ވުރެ ގިނަ ދިވެހި ޒުވާނުން މަސައްކަތުގެ ތައުލީމް ތަމްރީނާއި ހުނަރު ފޯރުކޮށްދީގެން މަސައްކަތުގެ ބާޒާރަށް އަޅުގަނޑުމެން ވާނީ ނެރިފައި. 

މީގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކުން މީހުން ބިނާ ކުރުމަށް ކުރާ މަސައްކަތް ވެސް ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެން ވާނީ ކޮށްފައި. މީގެ ހެއްކެއް، ރާއްޖޭގެ އެކި އަތޮޅުތަކުގައި އެކި ސަރަހައްދުތަކުގައި ހިންގާފައިވާ ޕްރޮގްރާމުތައް. މިގޮތުން އަޅުގަނޑު ފާހަގަކޮށްލަން ވަކިން ހާއްސަކޮށް އަޑުއެހުމުން މަހްރޫމުވެފައިވާ ފަރާތްތަކަށް މާލޭގައި ސެޓްފިކެޓް 3 ގެ ފެންވަރުގެ ކޯސްތައް ވާނީ ހިންގާފައި. އަދި މާލޭ ޖަލުގައި ގައިދީންނަށް ސެޓްފިކެޓް 3 ގެ ފެންވަރުގެ ކޯސްތައް އަޅުގަނޑުމެން ހިންގާފައިވާކަން ފާހަގަކޮށްލަން... 

ފަސޭހަ ގޮތެއްގައި މަތީ ތައުލީމު ފޯރުކޮށްދިނުމަށް މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށް މަސައްކަތް ކުރެވިފައި ވަނީ ކިހާ ވަރަކަށް؟

ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބަލަން 100 ދުވަހުގެ ތެރޭގައި ކުރުމަށް އަޅުގަނޑުމެންނާ މަތި ކުރި ހުރިހާ ކަމެއް 100 ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަން... 

އޭ ލެވެލްއިން ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ މި ވަނީ އެ ކުއްޖަކު ބޭނުން ދާއިރާއަކުން އެ ކުއްޖަކު ބޭނުން ތާކަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައި. މީގެ ބޭނުން 19 ދަރިވަރަކު މިހާރު ހިފައިގެން ރާއްޖެއިން ބޭރުގެ އެކި ދިމާލުގައި ތައުލީމު ހާސިލްކުރަމުން އެބަދޭ... 

ވޭތުވެ ދިޔަ ދެ އަހަރު 95 ދަރިވަރަކު އޯއީސީޑީ ގައުމުތަކަށް ހައި އެޗީވާޒް ސްކޮލަޝިޕުގައި ގޮސްފައިވޭ... 

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމުގައި 8،000 އަށް ވުރެ ގިނަ ކުދިން ބައިވެރިފައި ވަނީ. އަދި ސަރުކާރުގެ ބަޖެޓުން 173 މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ހަރަދު ކުރެވިފައި... 

މިއަދު ދުނިޔޭގެ 23 ގައުމެއްގައި 1082 ދަރިވަރުން ލޯނުގެ ބޭނުން ހިފައިގެން ތައުލީމް ހާސިލްކުރަމުން އެބަދޭ.

މަތީ ތައުލީމުގެ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމަށް ރޭވިފައި ހުރި ކަންކަމަކީ ކޮބައިތޯ؟

މަތީ ތައުލީމާ ބެހޭ ބިލަކީ ވަރަށް މުހިއްމު މަސައްކަތެއް. އެ ބިލުގެ ސަބަބުން ރާއްޖޭގައި މަތީ ތައުލީމުގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. އާއްމުންގެ ބައިވެރިވުން އިތުރަށް ފުޅާވެގެން ދާނެ އަދި ޕްރައިވެޓް ފަރާތްތަކުގެ އިންވެސްޓްމަންޓު އިތުރަށް ރައްކާތެރިވެގެން ދާނެ... 

ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓަޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ ވެސް ވަރަށް މުހިއްމު މަސައްކަތެއް. އެއީ ވަޒީފާގެ ބާޒާރަށް ހުނަރުވެރި ޒުވާނުން ނެރުމަށްޓަކައި އަޅުގަނޑުމެންނަށް އެޅޭ ވަރަށް މުހިއްމު އެއް ފިޔަވަޅު.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރަން ކުރެއްވި މަސައްކަތަކީ ކޮބައިތޯ؟

މިނިސްޓްރީން އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި. އެހެންނަމަވެސް ކޮންމެ ހާލަތަކުން ކަންކަން ދަސްކޮށް އާ ގޮތްތައް އަޅުގަނޑުމެން އެބަ ހޯދަން... މިއަދު މިނިސްޓްރީން ދޭ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެވޭ ގޮތަށް ވަނީ ހަމަޖެހިގެން ގޮސްފައި. 

ކޮވިޑުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް... ސަރުކާރުން އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮވިޑް ރިލީފް ފަންޑެއް ގާއިމްކުރިން... ލޯނު އަނބުރާ ދެއްކުން މި އަހަރުގެ ޑިސެމްބަރާ ހަމައަށް ވަނީ މަޑުޖައްސާލާފައި... 

އެންމެ ދަތި އުނދަގޫވި ވަގުތު ވެސް މީހުން ބިނާ ކުރުމަށް ރާވާފައި ހުރި ހުރިހާ ސްކީމެއް އެ ހުރި ގޮތަށް ކުރިއަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި... ސަރުކާރުން ގަބޫލުކުރަނީ މިފަދަ ހުރިހާ ދައްޗަކުން ވެސް އަރައިގަވޭނީ ހުނަރުވެރި ފަންނުވެރި ޒުވާނުންތަކެއް މި ރާއްޖޭގައި ތިބެގެން ކަން.

ސްކިލްސް ފޮ އަ ރެޒިޑެންޓް ވޯކްފޯސް ނަމުގައ. މި ޕްރޮޖެކްޓުގައި އަޅުގަނޑުމެން މި ޓާގެޓް ކުރަނީ އަހަރަކު 12،000 ދިވެހިން ވަޒީފާގެ ބާޒާރަށް ނެރެވޭތޯ... ޓޫރިޒަމް ދާއިރާއިން 600 ޒުވާނުން، އައިސީޓީ ދާއިރާއިން 200 ޒުވާނުންއަދި ޓޫރިޒަމާ ގުޅުން ހުރި ކޮންސްޓްރަކްޝަންގެ ދާއިރާއިން 400 ޒުވާނުން މިއަހަރުގެ ތެރޭގައި ވަޒީފާގެ ބާޒާރަށް ނެރޭނެ. 

މީހުން ބިނާ ކުރުމުގެ މަސައްކަތުގެ ނަތީޖާ ފެންނާނީ ކިހާ ހިސާބަކުތޯ؟

މީހުން ބނާ ކުރުމުގެ މަސައްކަތަކީ އެއް ދުވަހަނު ނަތީޖާ ފެންނާނެ ކަންތއްތަކެއް ނޫން. މިސާލަކަށް ޑޮކްޓަރެއް ރާއްޖެއިން ބޭރަށް ކުޔަވަން ފޮނުވީމަ، ޑޮކްޓަރު ކިޔަވައި ނިންމައިގެން އަންނާނީ ހަތަރު އަހަރު ފަސް އަހަރު ފަހުން. ޓީޗަރަކު ތަމްރީން ވާން އެބަ ނަގާ ތިން އަހަރު ހަތަރު އަހަރު. މީހުން ބިނާ ކުރުމުގެ މަސައްކަތަކީ ދުވަސް ނަގާ ކަމެއް، ފައިސާ ހޭދަވާ ކަމެއް... 

ފާއިތުވި ދެ އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ އަދި މިހާތަނަށް ހާސިލްނުވެވާ އެންމެ ބޮޑު ކަމަކީ ކޮބާ؟

އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކުރަން، ރައީސުލްޖުމްހޫރިއްޔާ ވެސް ފާހަގަކުރެއްވި ފަދައިން ފުރަތަމަ ޑިގްރީ ސްކީމުގެ މަސައްކަތް. އަޅުގަނޑުމެންގެ ލޯން ސްކީމުތައް ވެސް މުސްތަގުބަލުގައި ކުރިއަށް ދާއިރުގައި ދެކެން ބޭނުން ވަނީ މިހާރަށް ވުރެ ވެސް ބޮޑަށް ރައްޔިތުންގެ ބައިވެރިވުން އޮންނާނެ ގޮތަކަށް ލޯން ސްކީމް ފަރުމާވެގެން ދާ ތަން. އެއީ އަޅުގަނޑުމެން މުސްތަގުބަލުގައި ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމެއް. 

ކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު ގެނެސްފައިވާ ކުރިއެރުމާ މެދު ދެކެނީ ކިހިނެއްތޯ؟

މަތީ ތައުލީމަށް ހާއްސަކޮށްގެން މި ސަރުކާރުން ވުޒާރާއެއް އުފެއްދިކަން ވެސް އެއީ ވަރަށް ބޮޑަށް ފާހަގަކުރަން ޖެހޭ ކަމެއް... 

މި ވީހާ ތަނަށް ދުވަހަކު ވެސް ސަރުކާރަކުން ނުކުރާ ވަރުގެ ހޭދައެއް މަތީ ތައުލީމާއި ތަމްރީނަށް މި ސަރުކާރުން އެބަ ކުރޭ. މި ހުންނަނީ މުސްތަގުބަލުގައި މީގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަން. 

އަތޮޅު ތެރެއިން ދަރިވަރުން ބިނާ ކުރުމަށް ކުރެވުނު މަސައްކަތަކީ ކޮބައިތޯ؟ 

އަތޮޅު ތެރޭގައި ޖޫނިއާ ކޮލެޖުތައް ގާއިމް ކުރާއިރު، އަޅުގަނޑުމެން އެކަން ކުރާނީ ދަނާލުތަކާ އެކީގައި. އޭގެ މާނައަކީ އަތޮޅު ތެރޭގެ ރަށްތަކުން ދަރިވަރުން އައިސް ތިބެ، ކިޔެވުމުގެ އިންތިޒާމް ފަސޭހަކަމާއެކު ހަމަޖެހިގެން ދާނެ. އެހެންވީމަ ކުރީގައި ނެތް ލުއިފަސޭހަ ކަންތައްތަކެއް މުސްތަގުބަލުގައި ލިބިގެން ދާނެ. 

އެއީ އަޅުގަނޑުމެންގެ މިހާރުގެ ވިޝަންއަކީ. އެހެންވީމަ މުސްތަގުބަލުގައި އަޅުގަނޑުމެން މި ބަލަނީ އަތޮޅު ތެރޭގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން އަތޮޅުތަކުގައި ތިބެގެން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތ މާ ބޮޑަށް ފަހިވެގެން ދާނެ ކަމަށް. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް