ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރި ކުރުމަށް މިސްރާބު ބަދަލުވެއްޖެ: ޝާހިދު
ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލުކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މީޑިއާ ފްރީޑަމް ކޯލިޝަންގެ ވަޒީރުންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ޝާހިދު ވިދާޅުވީ މީޑިއާ ޖޫރިމަނާ ކުރުމާ ދުރަށް ޖެހުމަށް މި ސަރުކާރުން ބާރު އެޅި ކަމަށެވެ.

އޭގެ ބަދަލުގައި ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލުކުރެވިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމަށާއި މީޑިއާގެ މިނިވަންކަމަށް މީޑިއާ ފްރީޑަމް ކޯލިޝަނުން އެކަށައަޅާފައިވާ ހަމަތަކަކީ ރާއްޖެއިން ގަބޫލުކުރާ ހަމަތަކެއް ކަމަށް ޝާހިދު ބަޔާންކުރެއްވި އެވެ. 

މީޑިއާގެ މިނިވަންކަމަށް ރާއްޖޭގައި އޮތް ހުރަސްތައް ނައްތާލަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ޚިޔާލުފާޅުކުރުމާ އަބުރު ރައްކާތެރިކުރުމާ ބެހޭ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ އޭނާގެ ބަރުލަމާނީ ހަޔާތުގައި ކުރެއްވި އެންމެ ފަހު މަސައްކަތް ކަމަށެވެ. 

އެގޮތުން 2018 ވަނަ އަހަރު އެ ގާނޫނު އުވާލުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަސްދީގު ކުރެއްވުމުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ތާރީހުގެ ކަޅު ސަފްހާއެއް ނިމުމަކަށް އައިކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ ކޭސްއާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ކޭސް ރިޔާސީ ކޮމިޝަނުން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.  

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށެވެ. 

ޝާހިދުގެ ވާހަކަ ނިންމަވާލެއްވީ، ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި މާ މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ. 

މީޑިއާގެ މިނިވަންކަމާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މީޑިއާ ފްރީޑަމް ކޯލިޝަންގެ ވަޒީރުންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުން އޮތީ ހޯމަ ދުވަހުގެ ރޭ، ވާޗުއަލްކޮށެވެ. 

"ކޮވިޑް-19ގެ ޙާލަތުގައި މީޑިއާގެ މިނިވަންކަން" މި ޝިއާރުގެ ދަށުން މިއަހަރުގެ ގްލޯބަލް ކޮންފަރެންސް އޮން މީޑިއާ ފްރީޑަމް ބާއްވަނީ ކެނެޑާ އާއި ބޮޓްސްވާނާ ގުޅިގެންނެވެ.

މީޑިއާ ފްރީޑަމް ކޯލިޝަން އުފެއްދީ 2019 ވަނަ އަހަރު ޖުލައި މަހު، ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައެވެ. މި ކޯލިޝަންގައި ބައިވެރިވާ މެމްބަރު ޤައުމުތަކުން މަސައްކަތްކުރަނީ މީޑިއާގެ މިނިވަންކަމާ، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ ޒިންމާ އަދާކުރީތީ އެ ނޫސްވެރިންނަށް އަނިޔާކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށެވެ. 

މި ކޯލިޝަންގައި މެމްބަރު 38 ޤައުމު ހިމެނޭ އިރު، ރާއްޖެއަކީ ކޯލިޝަންގެ އެގްޒެކެޓިވް ގްރޫޕްގެ މެމްބަރެކެވެ. އެގްޒެކެޓިވް ގްރޫޕްގައި ދެން ހިމެނެނީ މި ކޯލިޝަން އުފެއްދުމުގައި ހަރަކާތްތެރިވި ކެނެޑާއާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ލެޓްވިއާ، ޖަރުމަނީ، ގާނާ އަދި ނެދަލެންޑްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް