ހޯރަފުށި އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ބޭރުގެ ގައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އެގޮތުން ހދ. ކުޅުދުފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު މުދާ އުފުލުމަށް ސީދާ ދަތުރުތައް ފަށާފައިވާއިރު އެކަމަކީ ވިޔަފާރި ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ވަރަށް މުހިއްމު ބައެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ސިލްސިލާގެ އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ކުރިއަށް އޮޔތް ދެތިން ހަފުތާގެ ތެރޭގައި ފެށުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގް ފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައްޑޫ ސިޓީއާ ހުވަދުއަތޮޅަކީ ކުރިން ޝެޑިއުލްކޮށް ބައިނަލްއަގްވާމީ ކާގޯގެ ހިދުމަތް ދެމުން އައި ތަނެއް ނޫނެވެ. އެގޮތުން އައްޑޫ ސިޓީއަކީވެސް އިންޓަނޭޝަނަލް ސީ ޕޯޓެއް ނަމަވެސް އެތަނަށްވެސް ޝެޑިއުލްކޮށް ބޭރުން ބޯޓުފަހަރު ނާންނަ ކަމަށާއި އަދި ތިނަދޫ ޕޯޓަކީ ޑޮމެސްޓިކް ސީ ޕޯޓެއް ކަމުގައިވާތީ އެތަނަށް ބޭރުން ސީދާ ކާގޯ ގެނެވޭނެ ގޮތެއް ނޯވެ އެވެ.
އައްޑޫސިޓީއަކީ އިންޓަނޭޝަނަލް ސީޕޯޓެއް އޮތްތަނެއް ނަމަވެސް ޝެޑިއުލްކޮށް ދަތުރުތައް ނެތުމުން އާންމުކޮށް ގިނަ ބާވަތުގެ ކާގޯ މިހާރު ގެންނަނީ ޖެހެނީ މާލެއިންނެވެ. އަދި ބައެއް ފަހަރަށް ހިލަވެލި ފަދަ ބައެއް ސާމާނު ހިފައިންގެން ސީދާ ބޭރުން އެ ޕޯޓަށް މުދާ ގެނައި ނަމަވެސް ގިނަ ފަހަރަށް އެގޮތަށް ގެނެވޭ ތަކެއްޗަކީވެސް ކޮންމެވެސް ޕްރޮޖެކްޓަކާ ގުޅިގެން ގެނެވޭ ތަކެތި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.