ads
ދިވެހިރާއްޖެ އިން އިންޑިއާ އަށް އައްޔަންކުރެއްވި ސަފީރު ޑރ. ހުސައިން ނިޔާޒް--- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާއަށް ކަނޑައެޅި ސަފީރުގެ ފަތްކޮޅު އަރުއްވައިފި
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު، ޑރ. ހުސައިން ނިޔާޒް މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދަށް އަރުއްވައިފި އެވެ.

ޑރ. ހުސައިން ނިޔާޒް ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުއްވާފައި ވަނީ އިއްޔެ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދް ވަނީ ސަފީރު ކަމަށް އައްޔަންކުރެވުނު ޑރ. ހުސައިން ނިޔާޒަށް މަރުހަބާ ދަންނަވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވާފަ އެވެ.

ޑރ. ހުސައިން ނިޔާޒް ވަނީ އެގައުމުން ރާއްޖެއަށް އެކި ގޮތްގޮތުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި އިންޑިއާއަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ދަތި ދުވަސްވަރު އިންޑިއާއިން ވެދިން އެހީތެރިކަން ސަފީރު ފާހަގަކުރެއްވި އެވެ.

އަދި މި ކަންތައްތަކުން ރަމްޒުކޮށްދެނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ވަރުގަދަ ކަން ކަމުގައި ސަފީރު ވިދާޅުވި އެވެ.

ޑރ. ހުސައިން ނިޔާޒަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައިވާ ހަވަނަ ސަފީރެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ޑިޕްލޮމަޓިކް ގުޅުން ގާއިމް ކުރެވުނީ 1966 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުން މިނިވަންވިތާ އެއް އަހަރު ފަހުންނެވެ. ރާއްޖެ އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް