ads
ކުޑަކުދިންގެ ހިޔާގެ ލެބުގައި ކުދިން--
ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ދިރާގުގެ އެހީ ފޯރުކޮށްދީފި
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ދިރާގުން ބައެއް ވަސީލަތްތައް ހަދިޔާކޮށްފި އެވެ.

އެގޮތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ދިރާގުން ވަނީ 23 ކޮމްޕިއުޓަރު ޑެސްކާއި ފަސް ކޮމްޕިއުޓަރު ސިސްޓަމްގެ އިތުރުން 100 އެމްގެ ދިރާގު ފައިބާ އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން ދިރާގު ޓީވީ ކަނެކްޝަން ވެސް އެތަނަށް ފޯރުކޮށްދީފައި ވާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. 

ދިރާގުން އިތުރަށް ބުނީ ކުޑަކުދިންގެ ހިޔާގެ މެނޭޖުމަންޓުގެ އެދުމަށް ލެބުގެ ބައެއް މަރާމާތުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. 

ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވީ ފާއިތުވި 12 އަހަރުގެ ތެރޭގައި ދިރާގުން ފޯރުކޮށްދީފައިވާ ބޮޑެތި އެހީތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. 

ކުދިންގެ ކިޔެވުމާއި މުނިފޫހިފިލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ވަރަށް މުހިއްމު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ދިރާގު ޓީވީގެ ހަތް ކަނެކްޝަން މީގެ ކުރިން ކުޑަކުދިންގެ ހިޔާއަށް ފޯރުކޮށްދީފައި ވެއެވެ. އެއީ އެކި ފަންގިފިލާތަކަށް މި ހިދުމަތް ފޯރުކޮށްދިނުމަށެވެ. 

ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބު ހުޅުވުމަށް ދިރާގުން އެންމެ ފުރަތަމަ އެހީވީ 2013 ގައެވެ. އޭގެ އިތުރުން އެތަނުގައި ލައިބްރެރީ އެޅީ ވެސް ދިރާގުގެ އެހީގަ އެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ވެސް ދިރާގުން ވަނީ އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ދައުލަތުގެ ރައްކާތެރިކަމާ އަޅާލުން ބޭނުންވާ 206 ކުދިން މި ވަގުތު އެބަ ތިބި ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް