
މިފަހުން ސޯޝަލް މީޑިއާގައި އާންމުވީ މިފަދަ ކަމެއް ބަޔަކު ކުރާ މަންޒަރެވެ. ފަޅުގައި އަޅާފައި އޮތް ދޯންޏަކަށް ޒުވާނަކު އަރާއި ވައްކަން ކުރުމުން، އޭނާއަށް ދޯނީގައި ތިބި މީހުން، އަނިޔާކޮށް ވީޑިއޯކޮށް އެ ދޫކޮށްލީ ސޯޝަލް މީޑިއާއަށެވެ.
ވީޑިއޯ އިން ފެނިގެންދަނީ ގަމީސް ބާލުވާ، ޒުވާނާގެ ގައިގައި ރަނގަޅަށް ތަޅާލާ މަންޒަރެވެ. ކޮޅުފައިން ޖެހުމާއި އަތުގައި އޮތްހާ އެއްޗަކުން އޭނާގެ މުޅި ގައިގައި ތަޅާ އަނިޔާކުރަމުންދިޔައީ އެތައް ސުވާލެއް ކުރިމަތިކުރަމުންނެވެ. އެގޮތުން ވަގަށް ނެގީ ކޯޗެއްތޯ އާއި އެވީ ކޮންތާކުތޯ އޭނާއާ ސުވާލުކުރަމުންދެ އެވެ.
އަދި އެ އަނިޔާތަކާއެކު ވައްކަން ކުރި ކަމަށް ބުނާ މީހާ، ފޯނުތަކެއް ވަގަށް ނެގި ކަމަށް އެއްބަސްވެ، އެކަމެއް ކިޔައިދޭ މަންޒަރު ފެނިގެންދާއިރު ވީޑިއޯ އާންމުވެ ގިނަ ބަޔަކު ވަނީ ވައްކަން ކުރުމަކީ ކުށެއް ކަމަށާއި އަދި އެފަދަ ގޮތަކަށް މީހަކަށް އަނިޔާ ދިނުމަކީ ވެސް ރަނގަޅު ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފަ އެވެ.
އެއްވެސް މިންވަރަކަށް އިންސާނިއްޔަތު ކަމުގެ ކުލުނެއް ވެސް ނުފެންނަ މިންވަރަށް މީހަކަށް އަނިޔާދެމުންދާއިރު ހަނދާނަށް ނާންނަ ކަމަކީ ތިމާވެސް މިވެއްޓެނީ އަނެކާއާ އެއްވަރަށް ކަމެވެ. އަންނަ ރުޅިގަނޑުގައި މީހަކަށް އަނިޔާދެމުންދާއިރު ތިމާއަށް ވެސް މި އަރައިގަނެވެނީ ކުށަކަށްކަން ހަނދާނަކު ނުހުރެ އެވެ.
މީގެ ކުރިން ވެސް މިފަދަ އެތައް ހާދިސާއެއް ރާއްޖޭގެ ރަށްތަކުގައި ހިނގާފައި އެބަހުއްޓެވެ. މާރާމާރީއެއް ހިނގުމުން ގްރޫޕް ހަދާފައި ގޮސް އަނެއްކާ ވެސް ތަޅައިގަންނަނީ އެވެ. ވައްކަމެއް ކުރުމުން ވެސް އެ މީހެއްގެ ބޯ ބާލައި ތަޅާއި ތިރިކޮށްލަން ނިކުންނަނީ އެވެ. މިކަމެއް ކުރަން ނިކުންނަމުން ހުއްޖަތެއްގެ ގޮތުގައި އަބަދުވެސް ދައްކަމުން އަންނަނީ ތަކުރާރުކޮށް، ފުލުހުންނަށް ރިޕޯޓްކުރުމުން ވެސް އަދަބު ނުލިބި އެމީހަކު މުޖުތަމައުގެ ތެރޭގައި އުޅެމުން އަންނަ ކަމެކެވެ. މިހެންކަމުން، އަމިއްލައަށް ނިކުމެ، އެކަން ކޮށްލުމުން ހިތްހަމަޖެހޭކަމަށް ބުނެ އެވެ.
އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިކަމަކީ ހަމައެކަނި ފުލުހުންނާ ހަމައިން ނިންމާލެވެން އޮތް ކަމެއް ނޫންކަމެވެ. މިފަދަ މީހުން ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން އެތަނުން ވެސް އެތައް ބަޔަކު ދޫވެފައި އެބަހުއްޓެވެ. މިކަމަށް ހައްލެއް އަންނަން އޮތީ ހުރިހާ އިދާރާއަކުން ވެސް އެބައެއްގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްގެންނެވެ.