ads
އިބްރާހީމް ޝުޖާއު--
ފެނުނީ ޖިންސީ ފުރައްސާރަކުރަން ހިތްވަރުދިން ވަޒީރަކަށް ރުހުންދިން މަންޒަރު: ޝުޖާއު
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު އޮތްކަމަށް މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމުމާއެކު އެކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އަނިޔާކުރަމުންދާތާ އަހަރެއްވާން ގާތްވެފައިވާ ކަމަށް ބުނެ އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވަނީ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. 

ޝުޖާއު ވިދާޅުވީ ޖިންސީ ފުރައްސާރަކުރަން ހިތްވަރުދިން ވަޒީރަކަށް އެމްޑީޕީގެ 65 މެމްބަރުންގެ ރުހުން ދިން މަންޒަރު މިއަދު ފެނިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ސަފާރީއެއްގެ ތެރޭގައި ބޭރުގެ އަންހެނަކު "ރޭޕް" ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އިމްރާން އެ މައުލޫމާތު ހިއްސާނުކުރައްވާތީ އެކަމަށް ވަނީ ފާޑުވިދާޅުވެފަ އެވެ. 

"މިއީ ޝެއިހް އިމްރާން ޒިންމާ ނަގަން ޖެހޭ މައްސަލަތައް. މިއަދު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އޭނައަށް ރުހުން އޮތްކަމަށް މި ނިންމީ. އެހެންވީމާ މިއިގެއިން އަޅުގަނޑުމެންނަށް ދޭހަވޭ މިއީ ޖިންސީ ގޯނާކުރުމާއި އަންހެނުނަށް ފުރައްސާރަކުރުމަށް ހިތްވަރުދޭ ސަރުކާރެއްކަން،" ޝުޖާއު ވިދާޅުވި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިމްރާން ވަނީ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ސަފާރީ ރޭޕް ކޭސްއާ ގުޅިގެން އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވާފަ އެވެ. 

އެގޮތުން ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވުމުން އެމަނިކުފާނުވެސް ހީފުޅުކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ނަމަވެސް އެމައްސަލަ ރަނގަޅަށް ބަލައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައިވަނީ އާއްމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއްކަން ސާފުވި ކަމަށް އިމްރާން ވިދާޅުވިއެވެ.

އެއާއެކު އިމްރާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް މިއަދު އެހި އިރު، ފާސްވެފައިވަނީ އިމްރާންގެ އިތުބާރު އޮތް ކަމަށެވެ.  

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންނެވެ. އިދިކޮޅުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ދެއްކެވި ވާހަކަތަކަކީ "ދަށު ދަރަޖައިގެ" ކަމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް