ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބަޖެޓް ރިޕޯޓަށް ބަހުސް ފެށުން އާދީއްތަ ދުވަހު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުން އާދީއްތަ ދުވަހު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ކޮމިޓީގެ ރިޕޯޓް ރޭގެ ވަގުތެއްގައި މަޖިލީހަށް ލިބިފައިވާ ކަމަށެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓްގައި މިހާރު އާމްދަނީ އަންދާޒާ ކުރާ މިންވަރު 17.8 ބިލިއަން ރުފިޔާއިން 21.2 ބިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. އަދި އޮފީސްތަކުގެ ޑޮމެސްޓިކް ހަރަދުތަކަށް 209 މިލިއަން ރުފިޔާގެ ދަށްވުމެއް ގެނެސްފައިވާ ކަމަށާއި، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 135 މިލިއަން ރުފިޔާގެ އިތުރުވުމެއް ގެނެސްފައިވާ ކަމަށެވެ. 

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ވެސް ހަތް މިނެޓްގެ ފުރުސަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީންވަނީ ނިންމާފަ އެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާއިރު، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެބަޖެޓްގައި ޑެފިސިޓް ވާނެ ކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް