ads
ދަރަވަންދޫ--
ދަރަވަންދޫގައި ވަގުތީ ގޮތުން ގެސްޓް ހައުސް ވިޔަފާރި މެދުކަނޑާލައިފި
ރައްޔިތުންގެ ފިއްތުންތައް ކުރިމަތިވެ، ބ. ދަރަވަންދޫގައި ހިންގާ ގެސްޓްހައުސް ވިޔަފާރިތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ ރަށުގެ ކައުންސިލުން ނިންމައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ގަވާއިދުގައިވާ ގޮތުން ގެސްޓްހައުސްގެ ވިޔަފާރި ކުރާ ރަށްރަށުގައި ދިރިއުޅޭ އާންމުން އަމަލު ކުރަން ޖެހޭނީ މާލެ އިން ރަށްތަކަށް ދާ ފަރާތްތައް ވެސް ކަރަންޓީނު ވާން ޖެހޭ އުސޫލުންނެވެ. 

ވުމާއެކު، ދަރަވަންދޫގެ ރައްޔިތުން ވެސް އެހެން ރަށަކަށް ދަތުރުކުރާ ނަމަ، ދެ ހަފްތާގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭތީ އެކަމާއި ގުޅިގެން އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

ސީއެންއެމް އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް، އަލީ މާޖިދު ވިދާޅުވީ އެ ރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް މި މަހުގެ ނުވަވަނަ ދުވަހު ކައުންސިލުން ފާސްކޮށްފައިވާ އިރު، އޭގެ އަނެއް ދުވަހު ހުއްދަ ލިބުނު ނަމަވެސް، އެ ރަށަށް ޒިޔާރަތް ކުރީ ތިން ފަތުރުވެރިން ކަމަށާއި، މިއަދު އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެން ދާނެ ކަމަށެވެ. 

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މާޖިދު ފާހަގަކުރެއްވީ ތަކެތި ގަތުމަށް ދަރަވަންދޫގެ ރައްޔިތުން ކައިރި އެހެން ރަށްތަކަށް ދާން ޖެހުމެވެ. އެގޮތުން މޮހޮރެއް ގަތުމަށް ވެސް ދާން ޖެހެނީ ކައިރި ރަށަކަށް ކަމަށާއި ދެ ހަފްތާގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭ ކަމަށް މާޖިދު ވިދާޅުވި އެވެ.

ވުމާއެކު އެ ރަށުގައި ގެސްޓް ހައުސް ވިޔަފާރި މެދުކަނޑާލައި ފަތުރުވެރިން ރަށަށް އެރުން މަނާކުރުމަށް ވަކި މުއްދަތެއް ނެތް ގޮތަށް ނިންމާފައިވާ ކަމަށާއި، ނަމަވެސް ކައުންސިލުން އެކަމާއި މެދު ފަހުން ވަކި ގޮތެއް ނިންމާނެ ކަމަށް މާޖިދު ވިދާޅުވި އެވެ.

ބޯޑަރު ހުޅުވާލުމާއި އެކު ޓޫރިޒަމް މިނިސްޓްރީ އިން ދަނީ ވަކި ގަވާއިދުތަކެއްގެ މަތިން ރިސޯޓްތަކާއި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް