އިއްޔެ އައްޑޫ ސިޓީގެ އިތުރުން ގދ. ތިނަދޫ އާއި އިންޑިއާގެ ދެކުނުގެ ޓުޓިކޮރިން އާއި ދެމެދު ދަތުރުތައް ފަށާފައިވާ އިރު ކޮންމެ 20 ދުވަހަކުން ދަތުރުތައް ކުރިއަށް ދާނެ އެވެ.
މީގެ އިތުރުން ބޮޑެތި ބަރު މުދާ ފަހަރު ކާގޯ ފެރީ މެދުވެރިކޮށް ޓުޓިކޮރިން އިން ސީދާ އައްޑޫ ސިޓީ އަށާއި ތިނަދޫ އަށް ގެނެވޭނެ އެވެ.
އިއްޔެ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ކާގޯ ފެރީ ކަމަށްވާ އެމްވީ ބޮންތި 2 ގެ ފުރަތަމަ ދަތުރުގައި ޓުޓިކޮރިން އަށް ގޮސްފައިވާ އިރު އަނބުރާ ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 14 ވަނަ ދުވަހުގަ އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބައެއްގެ ގޮތުގައި އެޕްރިލް 5 ގައި އުފައްދާފައިވާ އެމްއެސްއެސް ކުންފުނީގެ ސަބަބުން ކުޑަ ހަރަދެއްގައި ރާއްޖެ އަށް މުދާތައް ގެނައުމަށް ފަސޭހަވެ، މުދަލަށް ކުރާ ހޭދަ ދަށްވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީއާ ހުވަދުއަތޮޅަކީ ކުރިން ޝެޑިއުލްކޮށް ބައިނަލްއަގްވާމީ ކާގޯގެ ހިދުމަތް ދެމުން އައި ތަނެއް ނޫނެވެ. އެގޮތުން އައްޑޫ ސިޓީއަކީވެސް އިންޓަނޭޝަނަލް ސީ ޕޯޓެއް ނަމަވެސް އެތަނަށްވެސް ޝެޑިއުލްކޮށް ބޭރުން ބޯޓުފަހަރު ނާންނަ ކަމަށާއި އަދި ތިނަދޫ ޕޯޓަކީ ޑޮމެސްޓިކް ސީ ޕޯޓެއް ކަމުގައިވާތީ އެތަނަށް ބޭރުން ސީދާ ކާގޯ ގެނެވޭނެ ގޮތެއް ނޯވެ އެވެ.
އައްޑޫސިޓީއަކީ އިންޓަނޭޝަނަލް ސީޕޯޓެއް އޮތްތަނެއް ނަމަވެސް ޝެޑިއުލްކޮށް ދަތުރުތައް ނެތުމުން އާންމުކޮށް ގިނަ ބާވަތުގެ ކާގޯ މިހާރު ގެންނަނީ ޖެހެނީ މާލެއިންނެވެ. އަދި ބައެއް ފަހަރަށް ހިލަވެލި ފަދަ ބައެއް ސާމާނު ހިފައިންގެން ސީދާ ބޭރުން އެ ޕޯޓަށް މުދާ ގެނައި ނަމަވެސް ގިނަ ފަހަރަށް އެގޮތަށް ގެނެވޭ ތަކެއްޗަކީވެސް ކޮންމެވެސް ޕްރޮޖެކްޓަކާ ގުޅިގެން ގެނެވޭ ތަކެއްޗެވެ.