ads
ޓޫރިޒަމް މިނިސްޓަރު މައުސޫމް--
އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ބޮޑު
އަންނަ އަހަރު ރާއްޖެ އަށް އެއް މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އަންނަ އަހަރު ރާއްޖެ އަށް އެއް މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ އިރު، އެ އަދަދަކީ ވަރަށް އުއްމީދީ އަދަދެއް ކަމަށެވެ.

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ބެޑް ނައިޓްސް އިތުރުވާނެ ކަމަށް ވިދާޅުވެ، އޭގެ ސަބަބުން ގައުމަށް ފަތުުރުވެރިކަމުން ލިބޭ ނަފާ އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން ތަކުރާރުކޮށް ޒިޔާރަތްކުރާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަތުރުވެރިންނާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ.

"މިހާރުވެސް ވަރަށް ގިނަ ގެސްޓުން އުޅޭނެ ތަނަށްވުރެ ބޮޑަށް މުވައްޒަފާއި ގުޅިފަ ހުންނާނީ، އެ މުވައްޒަފަކު ރިސޯޓު އޭގައި ހުރެފައި ރިސޯޓު ބީއަށް ގޮއްސިއްޔާ އެ ގެސްޓަކުވެސް ދާނީ ރިސޯޓު ބީއަށް، ރާއްޖެއަށް ތަކުރާރުކޮށް އަންނަ ގެސްޓުން ބޮޑަށް އޮންނަނީ ޕްރޮޕަޓީ އާއިވެސް އެޓޭޗްވެފައި، ހަމައެއާއި އެއްވަރަށް މުވައްޒަފުންނާއި ވެސް އެޓޭޗްވެފައި" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ. 

މި ހާލަތުގައިވެސް ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެން ދިއުމުގައި އެ ސިނާއަތުގެ މުވައްޒަފުންގެ ހިއްސާ ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 60،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އަންނަނީ މަހުން މަހަށް އިތުރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް