ads
އޭޝިއަން ފެސްޓާގެ އެންމެ ޝަރަފްވެރި އެވޯޑް އަރަބިއްޔާ ސްކޫލްގެ ދަރިވަރަކަށް!
މިޓްސްބްޝީ އޭޝިއަން ޗިލްޑްރެންސް އެނިކީ ފެސްޓާ 2019-2020 ގެ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ "ގްރޯން ޕްރީ' ހާސިލްކުރި އަރަބިއްޔާ ސްކޫލްގެ އިބާ އާމިރު އަބްދުﷲ އާއި, އެޑިޔުކޭޝްން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވޯޑް ހަވާލުކޮށްދެއްވައިފި އެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް ޔުނެސްކޯ-ޖަޕާން އިން އިންތިޒާމުކޮށްގެން ބާއްވާ އެ ޕްރޮގްރާމްގައި އޭޝިއާގެ 24 ގައުމުން ބައިވެރިވެއެވެ. އެ މުބާރާތުގައި ބައިވެރިވާ ކޮންމެ ގައުމަކުންވެސް އެއް "ގްރޯން ޕްރީ"، ތިން "ޔުނެސްކޯ އެވޯޑް" އަދި ހަތަރު އެކްސްލެންސް އެވޯޑް ލިބޭ ދަރިވަރުން ކަނޑައަޅަނީ އިންޓަނޭޝަނަލް ސްކްރީނިންގަ އެވެ.

އުމުރުން ހަ އަހަރާއި 12 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެ ޕްރޮގްރާމްގައި ދަރިވަރުން ހުށައަޅަން ޖެހެނީ ދަރިވަރުންގެ ދިރުއުޅުން ދައްކުވައިދޭ ފަސް "ޑައިރީ" ކުރެހުމެވެ. ގްރޯން ޕްރީ އެވޯޑް ހާސިލް ކުރި އިބާ ހުށައެޅީ އިބާ އެންމެ ގަޔާވެގެން ކުރާ ކަންކަމެވެ. އޭގެ ތެރޭގައި މޫދަށް ދިއުމާއި، ކޮތަރަށް ކާންދިނުމާއި، އީދު ނަމާދަށް ދިއުމާއި، ޓިއުޝަނަށް ދިއުން ފަދަ ކޮންމެ ދުވަހަކުވެސް އިބާ ޝައުގުވެރިކަމާއެކު ކުރާ ކަންކަން ކަމުގައި އިބާގެ ބައްޕަ އާމިރު އަބްދުﷲ ވިދާޅުވިއެވެ.

your image "ގްރޯން ޕްރީ' ހާސިލްކުރި އަރަބިއްޔާ ސްކޫލްގެ އިބާ އާމިރު އަބްދުﷲ

އޭގެ އިތުރުން ރާއްޖެެއިން ޔުނެސްކޯ އެވޯޑް  ހާސިލްކޮށްފައިވަނީ ފުވައްމުލައް ސިޓީން މުހައްމަދު ޖަމާލުއްދީން ސްކޫލްގެ އައިޝަތު މިޝީލް ބިންތް އިބްރާހިމް އާއި އިބްރާހިމް ޔޫސަމް ސާމިއުގެ އިތުރުން ވަށަފަރު ސްކޫލުގެ ދަރިވަރު ފާތިމަތު ލައިޝާ މުހައްމަދު އެވެ.

ރާއްޖެއިން އެކްސެލެންސް އެވޯޑް ހާސިލްކޮށްފައިވަނީ ހުރަވީ ސްކޫލްގެ ޒެއިނާ އަމްޒަތު އަހުމަދު އާއި މަޖީދިއްޔާ ސްކޫލްގެ އަބާން އާމިރު އަބްދުﷲ އާއި އައިޝަތު ދާނާ އިޔާޒް ގެ އިތުރުން ފުވައްމުލައް ސިޓީން މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ދަރިވަރު އައިމިނަތު ލައިބާ އިހުސާން އެވެ.  

އެ ޕްރޮގްރާމްގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ހިސާބުތަކުން 500 ދަރިވަރުން ބައިވެރިވެއެވެ. ގްރޯން ޕްރީ އެވޯޑް އެހެން އަހަރުތަކުގައި ހަވާލުކުރަނީ ޖަޕާނުގައި ބޭއްވޭ ހާއްސަ ރަސްމިއްޔާތެއްގައެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ މިހާލަތުގެ ސަބަބުން މިއަހަރު އެ އެވޯޑް ހާސިލްކުރި ދަރިވަރުންނަށް ޖަޕާނަށް ދިއުމުގެ ފުރުސަތު ލިބިފައިނުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް