ފުލުހުން އެންމެ ފުރަތަމަ ބުނީ މިއީ ސުސައިޑް ކޭހެއް ކަމަށެވެ. އެހެން ނަމަވެސް ސުޝާންތުގެ އާއިލާގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބުނަނީ މި މައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.
އާއްމުންނާއި އާއިލާއިން ދަނީ މިކަމާއި ގުޅިގެން ތުހުމަތުގެ އިނގިލި އެކި ފަރާތްތަކަށް ދިއްކުރަމުންނެވެ. މި މައްސަލާގައި ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރަމުންދަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރްބޮޓީއަށެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރެ އެވެ.
އެޔާއިއެކު ގިނަ ބައެއްގެ ފާޑުކިޔުތަކާއި ނުރުހުން ރިއާއަށް އަމާޒުވިއިރު ގިނަ ބަޔަކަށް އޭނަ އެގިގެން ގޮސްފައިވަނީ ވެސް އެ ހާދިސާގެ ތެރެއިންނެވެ.
ސުޝާންތުގެ މަރަށް ފަސް ވެފައިވާއިރު މިއަހަރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައަކީވެސް އެއެވެ. އެގޮތުން “ސާޗު އިންޖީން” އިން ބުނެފައިވާގޮތުގައި މިއަހަރު އެންމެ ގިނަ ބަޔަކު ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓް ފޯމަކުންވެސް އެންމެ ގިނައިން ސާޗު ކޮށްފައިވާ ފިރިހެން ތަރި އަކީ ސުޝާންތު އެވެ. އަދި އެންމެ ގިނައިން ސާޗުކޮށްފައިވާ އަންހެން ތަރިއަކީ ރިއާ އެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގައި ސުޝާންތު މަރާލިކަމުގެ ތުހުމަތު ރިއާއަށް ކުރަމުން އަންނައިރު ސުޝާންތުގެ އާއިލީ ވަކީލު ސިދާތުގެ މައްޗަށް ކުރަނީ، ރިއާއަށް އެހީތެރިވިކަމުގެ ތުހުމަތެވެ.
އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުގެ ކުރިން ސިދާތު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ "އަހަރެންގެ އެކަކުވެސް މި ދުނިޔޭގައި ނެތޭ" ސުޝާންތު ބުނި ކަމަށާއި އަދި އޭނާ ބޭނުންވީ ސިޓީގެ ދިރިއުޅުން ދޫކޮށް ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ކަމަށް ބުނެފަ އެވެ.
ސުޝާންތު ފަހުން ފަހުން ވަރަށް ހިތާމައިގައި އުޅުނު ދުވަސްކޮޅެއް ދިޔަކަން ފާހަގަކުރިޔަސް ރިއާގެ މައްޗަށް އޭނާ އެއްވެސް ތުހުމަތެއް ނުކުރެ އެވެ. އެކަމަކު ސުޝާންތުގެ ގޭގައި މަަސައްކަތް ކުރަމުން އާ މީހުން ވެސް ވަނީ ސުޝާންތުގެ ދިރިއުުޅުން ބަދަލުވީ ރިއާއާއެކު ޔޫރަޕް ދަތުރެއް ގޮސްފައި އައިފަހުން ކަމަށް ބުނެފަ އެވެ.
ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު، ރިއާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ.
ރިއާގެ އިތުރުން، އޭނާގެ އާއިލާއަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ އެ ތުހުމަތުތައްކޮށްފަ އެވެ. އެކަމަކު ރިއާ ދަނީ ތުހުމަތުތައް ދޮގުކޮށް ހަގީގަތް ހާމަވާނެ ކަމަށް ބުނަމުންނެވެ.
އެ މައްސަލައިގައި ރިއާގެ މަށްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިގެންދިޔައިރު އެމައްސަލައިގައި ތެރެއިން ޒަމާންތަކަކަށް ބޮލީވުޑްގައި ހިގަމުން އާއި ޑްރަގް ބޮޑު މައްްސަލަ ގަނޑެއް ވެސް ވަނީ ހިލިގެން ގޮސް ފައެވެ.
މަރުގެ މައްސަލައިގެ ތެރެއިން ފެންމަތިވި ޑްރަގުގެ މައްސަލައާ ގުޅިގެން ރިއާ އާއި އޭނާގެ ކޮއްކޮ ހައްޔަރުވެސް ކުރިއެވެ. ރިއާވަނީ އެ މައްސަލައިގައި 28 ދުވަހު ޖަލުގައި ހޭދަކޮށްފައެވެ.
އެމައްސަލައިގެ ތަހުގީގަށް ރިއާ ވަނީ ބޮލީވުޑުގައި ޑްރަގު ބޭނުންކުރާ މީހުންގެ ލިސްޓު ވެސް ހިއްސާކޮށްފައި ކަމަށް ބުނެ އެވެ. އަދި އެ ލިސްޓަށް ރިއާޔަތްކޮށް ދީޕިކާ ޕަޑުކޯން އާއި ސާރާ އަލީ ހާން އަދި ރަކުލް ޕްރީތު ސިންގް އާއި ޝްރައްދާ ކަޕޫރު ގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.
ސުޝާންތުގެ މަރަށް ފަސް މަސް ވީއިރު އެމައްސަލަ ތަހުހީގުކުރަމުން އާ ޓީމުންވަނީ އެއީ ސުސައިޑް ކޭސްއެއް ކަމަށް ނިންމާފައެވެ. އެހެންނަމަވެސް އާއިލާއިން އަދިވެސް ދަނީ އެއީ ސުސައިޑް ކޭސްއެއް ނޫންކަމަށް ބުނެ އިންސާފު ހޯދުމަށް މަސައްކަތްކުރަމުން ނެވެ.