
ބަންގްލަދޭޝްގެ ކޯޗު ޖެމީ ޑޭ ކޮވިޑަށް ޕޮޒިޓިވްވީ، މިދިޔަ މަހު ނޭޕާލާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗަށް ފަހުއެވެ. ޑޭ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ނޭޕާލާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި ޑޭ އަކަށް ބައިވެރިއެއް ނުވެވުނެވެ. އަދި އެ މެޗަށް ފަހު ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމު ގަތަރަށް ދިޔައިރު ޑޭ ހުރީ ކަރަންޓީނުގަައި ޑާކާގައެވެ. ޑާކާގައި ބަންގްލަދޭޝް ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އެސިސްޓެންޓް ކޯޗުގެ އިރުޝާދުގެ ދަށުންނެވެ.
ހޯމަ ދުވަހު ހެދި ޓެސްޓްތަކަށް ފަހު ޑޭ ކޮވިޑަށް ނެގެޓިވްވެފައިވާތީ މިއަދު އޭނާ ގަތަރަށް ދާނެއެވެ. އެހެންނަމަވެސް ގަތަރުގައި ތިން ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރުން ގަތަރުގެ ގަވައިދުތައް ލާޒިމް ކުރާތީ ހުކުރު ދުވަހު އޮންނަ މެޗުގެ ކުރިން ޑޭ އަށް ޓީމާ ގުޅެވިދާނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑޭރޭޝަނާ ހަވާލާދީ މީީޑިއާ ރިޕޯޓްތައް ބުނަނީ ގަތަރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަމުގައި އަލިމަގެއް ފެނޭތޯ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އޭޝިއަން ކަޕުގައި ގަތަރާ ދެކޮޅަށް ކުޅޭ މެޗަކީ ކޮވިޑާ ގުޅިގެން މެދުކަނޑާލާފައިވާ އޭޝިއަން ކަޕް އަދި ވޯލްޑްކަޕް ކޮލިފައިންގ އަލުން ފަށައިގެން ކުޅޭ ފުރަތަމަ މެޗެވެ. ވަރުގަދަ ގަތަރާ ދެކޮޅަށް ހުކުރު ދުވަހު ބަންގްލަދޭޝް ނުކުންނައިރު، ޑޭގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމުންވަނީ ގަތަރުގެ އޮލިމްޕިކް ޓީމު ބަލިކޮށްފައެވެ.