ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
ވެންޓިލޭޓަރު މައްސަލައިގައި މަޝްވަރާތައް ދަނީ ކުރިއަށް: ޕީޖީ ޝަމީމް
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމާގުޅުންހުރި އިދާރާތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި މިހަފްތާގައި ޕީޖީ އާއި އޭސީސީ އާއި ފުލުހުންގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. 

"ޓެކްނިކަލް ލެވެލްގެ ޑިސްކްޝަންސް ކުރިއަށްދަނީ. ހުރިހާ އޮޕްޝަންތައް ބަލާނެ، އެންމެން އެއްކޮށް." ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ މަޝްވަރާތައް ނިމުމުން ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނެ ކަމަށެވެ. އެހެން ނަމަވެސް އަވަސް އަރުވާލައިގެން މައްސަލަ ނުބަލާނެ ކަމަށާއި، ގޮތެއް ނިންމާނީ ރަނގަޅަށް ބެލުމަށްފަހު ކަމަށް ވިދާޅުވި އެވެ. 

ވެންޓިލޭޓަރުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގެން 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން މައްސަލަ ޕީޖީއަށް ފޮނުވި އެވެ. އެކަމުގައި ޕީޖީން އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކަން ބެލުމަށްފަހު ނިންމާފައިވަނީ ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށެވެ. 

އެ ތިން ހުށަހެޅުމަކީ، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާއެރުވުމާއި، ކޮމިޓީގެ ފުރަތަމަ ހުށަހެޅުމުގައި ވާގޮތަށް އަމަލު ކުރުމާއެކު، މި މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީއަށް ލަފާއެރުވުމާއި، މި މައްސަލަ އަލުން މުރާޖައާ ކުރުމާ މެދު ޕީޖީ އޮފީހުން ނިންމަވާ ގޮތެއް، ޖުޑީޝަރީ ކޮމިޓީއަށް އެންގުމަށް ދެންނެވުމެވެ.

މަޖިލީހުގެ ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ވެންޓިލޭޓަރު މައްސަލައިގައި ޕީޖީން އަދިވެސް ގޮތެއް ނިންމާފައިނުވާތީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެންޓިލޭޓަރު މައްސަލައަކީ "ކަނޑައެޅިގެން ވައްކަން ފެންނަން" އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ދައުވާ ނުކޮށް ގިނަދުވަސް ވާތީ ވަރަށް ކަންބޮޑުވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް