ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު ނަސީމް--
ގަމުގައި އަންނަ އަހަރު ކެންސަރު ހޮސްޕިޓަލް އަޅަނީ
އަންނަ އަހަރުގެ ތެރޭގައި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގަމުގައި މިސަރުކާރުން ތަަރައްގީކުރި ތިން މަޝްރޫއުއެއް އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރަން ކުރާ މަސައްކަތުގެ ދަށުން ކެންސަރު ހޮސްޕިޓަލެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ވިސްނުން ހުރީ ގަމުގައި ކެންސަރު ހޮސްޕިޓަލު އެޅުމަށް ކަމަށް ވިދާޅުވެ، ރައީސް ވަނީ އިންޑިއާގެ އެހީގައި އަޅާ އެ ހޮސްޕިޓަލާ ގުޅޭ ލިޔެކިޔުންތަައް ދެ ދުވަހެއް ކުރިން އިންޑިއާ ސަރުކާރާ ހިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެކަމުގެ ނިންމުންތައް ނިމި، އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސް ވިދާޅުވީ ގަމު ހޮސްޕިޓަލު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އާ އިމާރާތް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ނިމި ޓާޝަރީ ފެންވަރަށް ހިދުމަތްދޭން ފެށޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއާއެކު ސަރަހައްދުގެ ސިއްހީ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. 

ގަމު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާއިރު މި ސަރުކާރުން ވަނީ ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް