ads
ފޮޓޯ: އެމްއެންޑީއެފް
ޓެރަރިޒަމަށް ކުރިމަތިލުމުގައި ގައުމުތަކުން ގުޅިގެން މަަސައްކަތްކުރަން ޖެހޭ: މާރިޔާ
ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަގްވާމީ މުޖްތަމައަށްވެސް އާންމުވެފައިވާ ގޮންޖެހުމެއްކަމުން އެކަމަށް ކުރިމަތިލުމުގައި ދޭދޭ ގައުމުތަކުން، މިހާރަށްވުރެ ބޮޑަށް، އިންޓެލިޖަންސް ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރަންޖެހޭ ކަަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މެރިންސް އާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓާ ޓެރަރިސްޓް ކްލޯސް ކުއާޓާ ބެޓަލް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ދިފާއީ އަދި ސަލާމަތީ ރޮނގުން، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމުގައި އާ ބާބެއް ހުޅުވިގެންދިޔަކަން އެ ތަމްރީނު ޕްރޮގްރާމުން ރަމްޒުވާ ކަމަށެވެ.

ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށާއި އެއަށް އިޖާބަދިނުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު މާރިޔާ ވަނީ، ސަރުކާރުން އެކުލަވާލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ހާލަތެއްގައި، ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު، އެމްއެންޑީއެފްއަށް ދީފައިވާކަން ފާހަގަކުރައްވާފަ އެވެ.

ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަގްވާމީ މުޖްތަމައަށްވެސް އާންމުވެފައިވާ ގޮންޖެހުމެއްކަމަށް ވިދާޅުވެ، މިނިސްޓަރު މާރިޔާ ވަނީ، މިގޮންޖެހުމާ ކުރިމަތިލުމުގައި ދޭދޭ ގައުމުތަކުން، މިހާރަށްވުރެ ބޮޑަށް، އިންޓެލިޖަންސް ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.

ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ ރާއްޖޭގެ އިގްތިސޯދާއި، ރާއްޖޭގެ ރަށްތަކުންނާއި ރައްޔިތުންގެ ފަރާތުން، ފަތުރުވެރިންނަށް އަބަދުވެސް ލިބޭ ލާމަސީލު މެހެމާންދާރީއާއި އުފަލާއި ހިތްހަމަޖެހުމާ ހުރި ގުޅުން ފާހަގަކުރައްވަމުން، މިނިސްޓަރު މާރިޔާ ވިދާޅުވީ، ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ގައުމުގެ ރައްޔިތުންނަށް އަމާން، ސުލްހަވެރި ވެށްޓެއް ކަށަވަރުކޮށްދީ، މިވެށި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި، މިފަދަ ތަމްރީނު ޕްރޮގްރާމްތައް ވަރަށް މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

އެ ރަސްމިއްޔާތުގައި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޯޒްލާ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، ސެންޓްރަލް އޭރިޔާގެ ސިފައިންނާއި އިނގިރޭސިވިލާތުގެ ޓްރެއިނިން ޓީމުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް