ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން--
ރައީސް ޔާމީންގެ ޝަރީއަތް އާދީއްތަ ދުވަހު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުން އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުން އަދި މަނީ ލޯންޑްރިިންގެ ކުށުގެ ދައުވާއާއި ގުޅިގެން އިބްތިދާއީ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 02:00 އަށެވެ. 

އެންމެފަހުން އެ މައްސަލައިގައި ބޭއްވި އަޑުއެހުން ކުރިއަށް ނުގެންދެވުނީ މައްސަލައިގައި ލިބެންޖެހޭ ބައެއް ލިޔެކިޔުން ރައީސް ޔާމީނަށް ލިބިފައި ނުވާތީ އާއި ލިޔެކިޔުން ދިރާސާކުރުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. 

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެން ބާއްވާ އަޑުއެހުމެއްގައި ދައުވާ އުފުލައި ދައުވާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދޭނެ ކަމަށެވެ. 

ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންވެސް ވަނީ އާދީއްތަ ދުވަހުގެ 11:00 އަށް ތާވަލުކޮށްފަ އެވެ. 

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ. 

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. 

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް