ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމާއި އެކީ އެމްއެމްޕީއާރުސީ އިން ބޭރުގެ މާކެޓް ތަކުގައި "ރީޑިސްކަވާ މޯލްޑިވްސް... ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކެމްޕޭނެއް ފަށާފައިވާ އިރު، އެ ކެމްޕޭންގެ ދަށުން ގިނަ ޕްރޮމޯޝަން ހަރަކާތްތައް ހިންގާފައިވެ އެވެ.
ދާދިފަހުން މެދުއިރުމަތީގެ ފަތުރުވެރިކަމަށް ހާއްސަކޮށް ފެށި އެ ޕްރޮމޯޝަނަކީ ވެސް "ރީޑިސްކަވާ މޯލްޑިވްސް... ދަ ސަނީ ސައިޑް އޮފް ލައިފް" ކެމްޕޭންގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށްވާ އިރު، ދެ ހަފްތާގެ މުއްދަތަކަށް އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިންޑިއާގެ ޒޮމާޓޯ އާއި ގުޅިގެން ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
ޒޮމާޓޯ ޕްލެޓްފޯމުން "އޯޑާ އެންޑް ވިން" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާ އިރު، އެ ކެމްޕޭން ކުރިއަށްދާ ދުވަސްވަރު އެ ޕްލެޓްފޯމް މެދުވެރިކޮށް އެންމެ ގިނައިން ކާއެއްޗިއްސަށް އޯޑަރުދޭ ފަރާތަކަށް ރާއްޖެއަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ޒޮމާޓޯ އަކީ މެދުއިރުމަތީގެ ގައުމުތަކުގައި މަޝްހޫރު ކުންފުންޏަކަށްވާ އިރު، އެ ކުންފުންޏަކީ ރެސްޓޯރަންޓްތަކާއި ގުޅިގެން ކާއެއްޗިހީގެ މައުލޫމާތު ފޯރުކޮށްދީ، ޑެލިވަރީގެ ހިދުމަތްދެމުންދާ ކުންފުންޏެކެވެ. އެމްއެމްޕީއާރުސީ އިން ބުނާ ގޮތުގައި ޒޮމާޓޯ އާއި ގުޅިގެން ކުރިއަށް ގެންދާ އެ ޑިޖިޓަލް ޕްރޮމޯޝަނުން 3.4 މިލިއަނަށް ވުރެ ގިނަ "އިމްޕްރެޝަން" ފޯރުކޮށްދެވޭނެ އެވެ.
މީގެ ކުރިންވެސް އެމްއެމްޕީއާރުސީ އިން މެދުއިރުމަތީގެ މާކެޓަށް އަމާޒުކޮށްގެން ތަފާތު މާކެޓިން ކެމްޕޭންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.