
މާލޭން، 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ޓެކްސީއަކުން ހައްޔަރު ކުރި އަންހެން މީހާއަކީ، ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. އޭނާގެ އަތުން ފެނުނު ކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެއްޗަށް އޭނާވަނީ ކުރިން އިންކާރުކޮށްފައެވެ.
މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
އޭރުއްސުރެ ޒީނާ ބަންދުކޮށްފައި ހުރިއިރު، އޭނާގެ މައްސަލަ މިހާރު އޮތީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭނާގެ ބަންދަށް އެންމެ ފަހުން ޖެހީ 20 ދުވަހެއެވެ. އެންމެ ފަހު ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ ފޯން ހުޅުވުމަށް ފުލުހުންނަށް އޭނާ ދިން ލޮކް ކޯޑަކުން ފޯނެއް ނުހުޅުވެއެވެ.
ޒީނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އޭނާގެ އަތުން ކާރުގެ ޝީޓް މައްޗަށް ވައްޓާލި މަންޒަރު ފުލުހުންނަށްވަނީ ފެނިފަ އެވެ. އެހެންނަމަވެސް މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗަށް ތުހުމަތު ކުރެވޭ ފަރާތުންވަނީ އިންކާރުކޮށްފައި ކަމަށް ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ބަންދު އަމުރުގައިވާ ގޮތުން، ޒީނާ އަތުން ފެނުނީ 12.28 ކިލޯގެ މެތް އަދި 1.58 ކިލޯގެ ހެރޮއިން އެވެ.