ads
ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ---
ޖަޕާނު ރައްޔިތުންނަށް 384.54 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖުތަކެއް
ކޮވިޑް-19 އާއި ގުޅިގެން ގޯސްވެފައިވާ މާލީ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި ޖަޕާނުން ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކުރަން މިއަދު ނިންމައިފި އެވެ.

ޖަޕާނުން އިއުލާން ކުރި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާއި، ތިމާވެށި ފަދަ ތަފާތު ސިނާއަތްތައް ކުރިއެރުވުމަށް ހަރަދުކުރާނެ އެވެ.

ޖަޕާނުގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ގައުމުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ވިދާޅުވީ 40 ޓްރިލިއަން ޔެން (384.54 ބިލިއަން އެމެރިކާ ޑޮލަރު) ގެ މި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށާއި، ކާބަން ބޭރުކުރާ އަދަދު މަދުކުރުމަށް ހަރަދުކުރާނެ ކަމަށެވެ.

މީގެ އިތުރުން މި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ވިޔަފާރިތަކާއި ވަޒީފާތައް ދެމެހެއްޓުމަށާއި، އެ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށާއި، ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އެޅިގެން ދާނެ ކަމަށް ސުގާ ވިދާޅުވި އެވެ.

މިއަދު ޖަޕާންގެ ބޮޑުވަޒީރު ސުގާގެ ކެބިނެޓުން އެ ސްޓިމިއުލަސް ޕެކޭޖް ފާސްކޮށްފިނަމަ، އެ ގައުމުން ކޮވިޑް-19 އާއި ދެކޮޅަށް ހަދާފައިވާ ސްޓިމިއުލަސް ޕެކޭޖް ތިން ޓްރިލިއަން ޑޮލަރު (3.12 ޒިލިއަން ޔެން) އަށް އަރާނެ ކަމަށް ބެލެވެ އެވެ.

ޖަޕާންގެ ސަރުކާރުން އިއުލާންކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖަށް ފަންޑުކުރުމަށްޓަކައި އަންނަ އަހަރަށް 20.1 ޓްރިލިއަން ޔެންގެ އިތުރު ތިންވަނަ ބަޖެޓެއް ހަދަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާސް އާއި ހަވާލާދީ މައުލޫމާތުދީފައިވެއެވެ.

ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ ޖަޕާންގެ އިގްތިސާދު ޖުލައި އާއި ސެޕްޓެމްބަރު މަހު ހިސާބުގައި ރިބައުންޑްވެފައިވާ އިރު، އެގައުމުގައި ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އެރުމުގެ ސަބަބުން އިގްތިސާދު އެއްކޮށް ކޮޅަށްޖެހުމަށް ވަގުތު ނަގާނެ ކަމަށް މާހިރުން ބުނެއެވެ.

ޖަޕާނުގެ އާބާދީ އަކީ 126.5 މިލިއަން މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް