އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން އޭނާގެ ސަރުކާރުގެ ދިފާއީ ވަޒީރުކަމަށް އައްޔަން ކުރައްވާފައިވަނީ ކަޅު ނަސްލުގެ އެމެރިކާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ލޮއިޑް އޮސްޓިން ކަމަށް ބައިޑެން ގެ ޓީމްއިން މިއަދު ވަނީ ބުނެފިއެވެ.
އެމެރިކާ ސިފައިންގެ ހިދުމުގައި 40 އަހަރު ހޭދަކުރުމަށްފަހު ރިޓަޔަޑް ޖެނަރަލް އޮސްޓިން މަގާމުން ވަކިވެވަޑައިގެންފައިވަނީ 2106 ވަނަ އަހަރު އެވެ.
ސިފައިން ގެ ހިދުމަތުން ވަކިވެވަޑައިގެންނެވިއިރު އޮސްޓިން ހުންނެވީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާގެ މަގާމުގައެވެ. އޮސްޓިން ވެގެންދާނީ ދިފާއީ ވަޒީރުކަމަށް އައްޔަންކުރާ ކަޅު ނަސްލުގެ ފުރަތަމަ ފަރާތަށެވެ.
އެމެރިކާގެ ސިފައިންގެ ވެރިޔާ ކަމުގެ މަގާމު ކަޅު ނަސްލުގެ ބޭފުޅެއްކަމަށްވާ ކޮލިން ޕަވަލް އަދާކުރައްވާފައި ވެއެވެ. އެއަށްފަހު ޕަވަލްވަނީ އެމެރިކާގެ ހާރިޖީ ވަޒީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.
ބައިޑަންގެ ޓީމްއިން ބުނާގޮތުން އޭނާގެ ސަރުކާރުގެ ސިއްހަތާބެހޭ ވަޒީރުކަމަށް އައްޔަންކުރައްވާނީ ހަވިޔާ ބެސޭރާ އެވެ.
ބެސޭރާއަކީ ކެލިފޯނިޔާ ގެ ލޯކަލް ސަރުކާރުގެ އެޓާނީ ޖެނެރަލް އެވެ.
އަނެއްކޮޅުން އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް ގެ ވެރިޔާ އެންތަނީ ފައުޗީއަށް ސިއްހަތާބެހޭ މުސްތަޝާރުކަމުގެ މަގާމު ދެއްވުމަށް ބައިޑަން ނިންމަވާފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މުސްތަޝާރުކަން ދެއްވި ނަމަވެސް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް ގެ ވެރިޔާގެ މަގާމުގައިވެސް ހުންނަވާނީ ފައުޗީއެވެ.
ފައުޗީއަކީ އޭނާ މަގާމުން ވަކިކުރާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ބޭފުޅެކެވެ.
ބައިޑަން ވަނީ ވައިޓް ހައުސްގެ ކޮރޯނާވައިރަސް ކޯޑިނޭޓަރުގެ މަގާމަށް ވިޔަފާރިވެރިޔާ ޖެފް ޒަޔަންޓްސް އިހްތިޔާރު ކުރައްވާފައެވެ.