ads
އިހްތިޖާޖު ކުރި މީހުންގެ ޕޯސްޓަރެއް-- ފޮޓޯ: އެމްނަވާޒް/ ޓްވިޓާ
ޑްރަގަށް ދޭ ފަރުވާ ހަރުދަނާ ކުރުމަށް އެދި އެންމެ ފަހުން އިހުތިޖާޖަށް!
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާ މައްސަލަ ބޮޑުވެފައި ވަނިކޮށް ފުލުހުން ވަނީ މަސްތުވުމަށް ހާއްސަ އައްޑާތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ނޫސްވެރިން ބައިވެރިކޮށްފަ އެވެ. މި ހުރިހާ ކަމެއް ހިނގާފައި މި ވަނީ "ޗޭންގް އެންޑީއޭ" ގެ ނަމުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

"ޗޭންޖެ އެންޑީއޭ" ނުވަތަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރުމަށް ގޮވާލާ ހިންގި އޮންލައިން ކެމްޕޭން އެންމެ ފަހުން މި ވަނީ ރަސްމީ ހަރަކާތަކަށް ބަދަލުވެ މަގުމައްޗަށް ނިކުމެފަ އެވެ. އެ ހަރަކާތުގައި އުޅޭ ބައެއް މީހުން މިއަދު ވަނީ އެންޑީއޭ ދޮށަށް އެއްވެ، އެތަން އިސްލާހު ކުރުމަށް ގޮވާލާ އިހްތިޖާޖުކޮށްފަ އެވެ. 

މިއަދު ކުރި އިހްތިޖާޖުގައި އެންމެ އިސްކޮޅު އުޅުނީ މަޝްހޫރު ލަވަކިޔުންތެރިޔާ އީސާ އަބްދުﷲ އެވެ. އޭނާ އާއި އިތުރު ބައެއް މީހުން އެންޑީއޭ ކައިރިއަށް އެއްވެ އަޑު އުފުލާފައި ވަނީ މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި އެންޑީއޭއަށް އިސްލާހީ ބަދަލު ގެނައުމަށެވެ. 

އޭގެ އިތުރުން ފާއިތުވި ނުވަ އަހަރު އެންޑީއޭއިން ގާނޫނާ އެއް ގޮތަށް އަމަލުކޮށްފައި ނުވާ މައްސަލަ ބެލުމަށް ވެސް އެމީހުން ގޮވާލި އެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މަރުކަޒުތައް ހަދާފައި ނުވާ މައްސަލަ ވެސް އެމީހުން ފާހަގަކުރި އެވެ. ނަމަވެސް އެ ސަރަހައްދުގައި ތިބި ފުލުހުން ވަނީ އެމީހުން ފޮނުވާލާފަ އެވެ. 

"ޗޭންޖް އެންޑީއޭ" ހަރަކާތުން އަމަލީ ގޮތުން މިއަދު އިހުތިޖާޖު ކުރިއިރު، ސޯޝަލް މީޑިއާގައި އެމީހުން ކަންބޮޑުވުން ފާޅުކުރާތާ އެތަކެއް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައެއް ނުވެ އެވެ.

"ނޭޝަނަލް ޑްރަގް އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. ނޭޝަނަލް ޑްރަގް އެޖެންސީއަކީ، ހޯމް މިނިސްޓްރީއާއި ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވާނިންބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

އެ އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ގާނޫނާއި، އެ ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސް ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް