ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
ކޮވިޑުން އަރައިގަތުމަށް ސާކް ގައުމުތައް އެކީ މަސައްކަތްކުރަން ޖެހޭ: ރައީސް
ކޮވިޑް-19 އިން އަރައިގަތުމަށް ސައުތް އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ގައުމުތަކުން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓާ ޑޭ"ގެ މުނާސަބާގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫންއަށް ފޮނުއްވި ހާއްސަ މެސެޖެއްގަ އެވެ.

ރައީސް ސޯލިހު ވަނީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޖަމިއްޔާއަކީ މެންބަރު ގައުމުތަކަށް އިތުރު ލާބައާއި މަންފާ ލިއްބައިދެނިވި ގުޅުމަށް ހެދުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

ރައީސްގެ އެ މެސެޖުގައި، ސާކް އުފެދުނުތާ 36 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލާއި، ސާކް ސެކްރެޓޭރިއެޓް އަދި ސާކް އާއިލާގެ މެންބަރުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރެއްވި އެވެ.

މި އަހަރުގެ ސާކް ޗާޓާ ޑޭ ފާހަގަކުރަމުން މި ދަނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތެއްގައިކަން ފާހަގަކުރައްވާ، ރައީސްގެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ މިފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ސާކް ފަދަ ގުޅުންތަކުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި، މިފަދަ ހާލަތަކުން އަރައިގަތުމަށް ސާކްގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަކޮށް، ހެޔޮ އަދި މަންފާކުރަނިވި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ހާލަތާއި ދުނިޔެ ބައްދަލުކުރުމާއެކު ސާކްގެ ގައުމުތަކުގެ ބައްދަލުވުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ، ސާކް ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑް އެކުލަވައިލުން ވެގެންދިޔައީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދިން ކަމެއްގެ ގޮތުގައި ރައީސްގެ މެސެޖުގައި ސިފަކުރެއްވިއެވެ. 

މި ހާލަތާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ، ސާކްގެ ގުޅުމުގެ ފުރިހަމަ ލާބައާއި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ޖެހިފައިވާ ހާލަތެއް ކަމުގައެވެ. އަދި، މެންބަރު ގައުމުތަކުގެ މެދުގައި އިތުރަށް މަޝްވަރާކޮށް، ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސުގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ހިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ގައުމެއްކަން ފާހަގަކުރައްވާ، އެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މުސްތަގުބަލުގައި ވެސް، މި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި، ތަރައްގީއާއި ހަމަޖެހުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް