މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ގަލްފް އެއާ އިން ބުނީ ރާއްޖެއަށް އޮތް ދަތުރުތަކަށް ޑިމާންޑް ބޮޑުވުމުގެ ސަބަބަުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި އެ އެއާލައިންގެ 250 ގޮނޑީގެ ބޮއިން 9-787 ޑްރީމްލައިނާ ފްލައިޓް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.
ހަފްތާާ އަކު ދެދުވަހު ގަލްފް އެއާލައިނާއި ރާއްޖެއާއި ދެމެދު ދަތުރުތައް ބޭއްވުމަށް ނިންމާފައިވާ އިރު، އެ ދަތުރުތައް ކުރާނީ ބަހްރައިން އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ގަލްފް އެއާ އިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށައިފައި ވަނީ ފާއިތުވެދިޔަ އޮކްޓޯބަރު މަހުގެ 27 ގައެވެ. އޭރު އެ އެއާލައިނުން ދިޔައީ ހަފްތާއަކު ރާއްޖެއާއި ބަހްރައިނާއި ދެމެދު ފަސް ދަތުރު ބާއްވަމުންނެވެ.
ކޮވިޑް-19 ގެ ސަބަބުން މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވާލާފައިވާ އިރު، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށައިފަ އެވެ.
އެގޮތުން 19 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، ކުރިއަށް އޮތް ދުވަސްކޮޅުގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ އެވެ.
ރާއްޖެއަށް އޮންނަ ދަތުރުތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން ބައެއް އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުކުރަން ބޭނުންކުރާ ބައެއް ފްލައިޓްތައް ޖާގަ ހުރި، ބޮޑެތި ފްލައިޓްތަކަށް ބަދަލުކޮށްފައެވެ.
ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އޮންނަ ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވެ، ފަތުރުވެރިން އަންނަ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަ އިރު، މި މަހުގެ ހަތްވަނަ ދުވަހާއި ހަމައަށް 14،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ.