ads
އެމްޑީޕީ ސަރުކާރު ވެރިކަމަށް އައި ފަހުން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ވަނީ ބަދަލުކޮށްފައި-
ފަނޑިޔާރުގެއަށް ބޮޑު ބަދަލުތަކެއް އައި އަހަރެއް!
އަޅުގަނޑުމެންނާ މި އަލްވަދާއުކި 2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ އަހަރެކެވެ. އަޅުގަނޑުމެން މިއަހަރު އެއްކޮށްވެސް ހޭދަކޮށްފައިވަނީ ކޮވިޑް-19ގެ ތެރޭގައޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ކޮވިޑް-19ގެ ތެރޭގައި ކަމަށްވީ ނަމަވެސް ޝަރުއީ ދާއިރާވެސް މަސައްކަތްތައް ހުއްޓުމެއް ނެތި ވަނީ ބާރަށް ކުރިއަށް ގެންގޮސްފަ އެވެ.

ކޮވިޑް-19 އާއި އެކު އެންމެ ބޮޑަށް ބަދަލުވި އެއްކަމަކީ ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ގެންދިޔަ ގޮތެވެ. އެގޮތުން އޮންލައިންކޮށް ގިނަ ޝަރީއަތްތައް ކުރިއަށް ގެންދިޔައިރު ސުޕްރީމް ކޯޓުގެ ހުރިހާ ޝަރީއަތެއް އަދި ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ފާހަގަކޮށްލެވޭ ޝަރީއަތްތައް ދިޔައީ ލައިވް ކުރަމުންނެވެ.

ހަމަ މިއާއިއެކު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ވަނީ އެ ފަރާތުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް ގެންގޮސްފަ އެވެ.

ފަނޑިޔާރުންނަށް އައި ބަދަލު:

މި ނިމުނު 2020 ވަނަ އަހަރުވެސް ފަނޑިޔާރުގޭގައި ތިއްބަވާ އެކި ފަނޑިޔާރުންނަށް ބަދަލު އައިސްފައިވެ އެވެ. އެގޮތުން ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރެއްވި އިރު, ހައިކޯޓުގެ އިސްފަނޑިޔާރު މަގާމުން ދުރުކުރުމުގެ މަސައްކަތާއި އިތުރު ބައެއް ފަނޑިޔާރުންގެ ކަންކަން ފާހަގަކޮށްލެވެ އެވެ.

ސުޕްރީމް ކޯޓަށް ބަލާލާއިރު, އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރުމަށް ފަހު ދެ ފަނޑިޔާރަކު މަގާމަށް އައްޔަނުކޮށްފައި ވަނީ ނިމުނު 2020 ވަނަ އަހަރު އެވެ. އެގޮތުން ސުޕްރީމް ކޯޓަށް އަލްއުސްތާޛު އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހިމް އައްޔަނުކޮށްފައި ވަނީ ސެޕްޓެމްބަރު އަށްވަނަ ދުވަހު އެވެ.

އެ ދެބޭފުޅުންގެ ތެރެއިން އަލީ ރަޝީދު ހުސައިން އަކީ ކުރީގެ ޖިނާއީ ކޯޓުގެ ގާޟީ ކަމާއި, ސިވިލް ކޯޓުގެ އިސް ގާޟީ ކަމާއި ޑްރަގް ކޯޓުގެ ގާޟީ ކަމުގެ އިތުރުން ކްރިމިނަލް ކޯޓުގައި ވެސް ގާޟީކަން ކުރައްވާފައިވާ ފަރާތެކެވެ. އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ ހައިލަމް މަގާމުން އިސްތއުފާ ދެއްވުމުން ކްރިމިނަލް ކޯޓުގެ ހިންގެވުމާއި ހަވާލުވެވަޑައިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްސަލައިގައި ހުކުމް ކުރެއްވީވެސް އަލީ ރަޝީދު ހުސައިން އެވެ.

ހައިކޯޓަށް ބަލާލާއިރު, ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާނު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޮގަސްޓް 17 ވަނަ ދުވަހު އެވެ. ޝުޖާއު މަގާމުން އިސްތިއުފާ ދެއްވީ އޭނާ މަގާމުން ދުރުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ. މީގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުގެ ގޮތުގައި ހުންނެވި ހަސަން އަލީވެސް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ 2020 ޖުލައި 21 ވަނަ ދުވަހު އެވެ. ހަސަން އަލީ އަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުالله ގެ މަރުގެ މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުކޮށް ސަސްޕެންޝަން ބަހައްޓާފައި ހުރި ފަނޑިޔާރެކެވެ.

ކްރިމިނަލް ކޯޓަށް ބަލާލާއިރު އެ ކޯޓުގެ ދެ ގާޟީ އަކުވެސް 2020 ވަނަ އަހަރު ވަނީ, ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ޖޭއެސްސީން މައްސަލަ ބަލާ ވަކިކުރަން ނިންމުމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވަނީ ގާޟީ އިބްރާހިމް އަލީ އާއި ގާޟީ ހަސަން ނަޖީބެވެ. މީގެ ތެރެއިން ހަސަން ނަޖީބުގެ މައްޗަށް ސިޔާސީ ކަންކަމުގައި އުޅުމުގެ ތުހުމަތު ކުރި އިރު, އިބްރާހިމް އަލީގެ މައްޗަށް ކޮށްފައިވަނީ މައްސަލައެއް ލަސްކުރި ކަމުގެ ތުހުމަތެވެ.

މި ނިމުނު 2020 ވަނަ އަހަރު ޖޭއެސްސީން މައްސަލަ ބަލާ މަގާމުން ވަކިކުރި ގާޟީންގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޟީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ މައްޗަށް ޖަލު ހުކުމް އިއްވި ގާޟީ އަބްދުލް ބާރީ ޔޫސުފްއެވެ. ގާޟީ ބާރީ ވަކިކޮށްފައިވަނީ ޖޭއެސްސީން އެކަމަށް މަޖިލީހަށް ހުށަހެޅުމުން, މަޖިލީހުންނެވެ. ގާޟީ ބާރީގެ މައްޗަށް ވެސް ޖޭއެސްސީން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައާއި އެކި މައްސަލަތަކާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެކި ފަހަރު މަތިން ބައްދަލު ކުރާ މައްސަލައާއި ރައީސް ނަޝީދަށް ހުކުމް ކުރުމުގެ ކުރިން ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވި މައްސަލައަކާއި އަދީބުގެ އަތުން ފަސް ލައްކަ ރުފިޔާއެއް ނެންގެވި މައްސަލައެއް ފާހަގަކުރެވެ އެވެ.

ފާހަގަކޮށްލެވޭ ޝަރީއަތްތައް!

މި ނިމުނު އަހަރަކީވެސް ރާއްޖޭގެ ފަނޑިޔާރު ގޭގައި ފާހަގަކޮށްލެވޭ ޝަރިއަތްތަކެއް ކުރިއަށް ދިޔަ އަހަރެކެވެ. ކޮވިޑް-19 އާއި ގުޅިގެން ގިނަ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. އެހެން ނަމަވެސް ބެލި މައްސަލަތައް ވަކި މަދެއް ނޫނެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރިއަށް ގެންދިޔަ ޝަރީއަތްތަކެވެ.

  • އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތައް!

ކްރިމިނަލް ކޯޓަށް ބަލާލާއިރު ބޮޑު ހިޔާނާތުގެ މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ރައީސް ޔާމީންގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕިއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ މައްޗަށް ވަނީ އެ މައްސަލަތަކުގައި ހުކުމް އިއްވާފަ އެވެ.

އަދީބާއި ޒިޔަތު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެ ކުށަށް އިއުތިރާފްވެ ދައުލަތާއި އެކު އެއްބަސްވުމެއްވެސް ހަދާފަ އެވެ. އެގޮތުން ބޮޑު ހިޔާނާތާއި ގުޅިގެން އަދީބު މައްޗަށް ހަތް ދައުވާއެއް އުފުލި އިރު އެ ހަތް ދައުވާއަށް ވަނީ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފަ އެވެ. ބޮޑު ހިޔާނާތާއި ގުޅިގެން ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާއަށް އޭނާ އިއުތިރާފްވުމުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ހިޔާނާތުގެ މައްސަލައިގައި އިތުރު ދައުވާތަކެއް އިތުރު ފަރާތްތަކުގެ މައްޗަށް އުފުލާފައިވާއިރު, އޭގެ ތެރެއިން ދެން އެންމެބޮޑަށް ފާހަގަކޮށްލެވެނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ރ. ފުއްގިރި މައްސަލައިގައި 2020 ވަނަ އަހަރު ކުރީގެ ރައީސް އަބްދުالله ޔާމިނާއި ސަން އިންވެސްޓްމެންޓް ކުންފުނި އަދި އަހުމަދު ކްރިކް ރިޟާ ގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. މަނީ ލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ދިނުމާއި ހިފުމުގެ ދައުވާތައް މި ފަރާތްތަކުގެ މައްޗަށް ކޮށްފައިވާއިރު އެ މައްސަލަތަކުގައި އަދި ކުރިއަށްދަނީ އިބްތިދާއީ އަޑުއެހުމެވެ.

މީގެ އިތުރުން ކ. ފުށިދިއްގަރުފަޅު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ ނައިބު ރައިސް އަބްދުالله ޖިހާދުގެ މައްޗަށް ވެސް ދައުވާ އުފުލާ އަންނަނީ އަޑުއެހުންތައް ކުރިއަށް ގެންދަމުންނެވެ. ޖިހާދުގެ މައްޗަށް އެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.

  • މެރިޓަލް ރޭޕާއި ގުޅޭ މުހިންމު ހުކުމެއް ހައިކޯޓުން!

ހައިކޯޓަށް ބަލާލާއިރު, 2020 ވަނަ އަހަރު ހައިކޯޓުން އިއްވި އެންމެ ފާހަގަކޮށްލެވޭ އެއް ހުކުމަކީ ކައިވެނީގެ ތެރެއިން ވެސް ރޭޕް ކުރެވޭނެ ކަމަށް ކަނޑައަޅާ އެފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ހުކުމެވެ. މިއީ ރާއްޖޭގެ ކޯޓަކުން މެރިޓަލް ރޭޕް މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް އިއްވާފައިވާ ފުރަތަމަ ހުކުމްކަންވެސް ފާހަގަކޮށްލެވެއެވެ.

މި ހުކުމް ހައިކޯޓުން އިއްވާފައިވަނީ ޒިޔާދާ ނައީމް ރޭޕް ކުރި މައްސަލައިގައި އޭނާގެ ފިރިމީހާގެ މައްޗަށް ކޮށްފައިވާ ރޭޕްކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތު ނުވުމުން އެ މައްސަލަ ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުންނެވެ.

  • ސުޕްރީމް ކޯޓުން ފާހަގަކޮށްލެވޭ ޝަރީއަތްތައް!

ސުޕްރީމް ކޯޓުން ނިންމި މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުالله ގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ފަހު ހުކުމް ކޮށްފައިވަނީ ޔައުގޫބްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު, ނައިބު ކަމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުން ވެސް ފާހަގަކޮށްލެވެ އެވެ. އެ މައްސަލައިގައި ފުރަތަމަ އަޑުއެހުމެއް ސުޕްރީމް ކޯޓުން ބާއްވާފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި އަދި މިހާތަނަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާފައެއް ނުވެ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ހިފެހެއްޓި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާފައި ވަނީ 2020 ވަނަ އަހަރު އެވެ. އެގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރައިސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ދައުލަތަށް ނުހިފެހެއްޓޭނެ ކަމަށެވެ.

ޝަރީއަތްތައް ރައްޔިތުންނަށް ފެންނަ ގޮތަށް!

މި ނިމުނު 2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ އަހަރެކެވެ. އެހެން ނަމަވެސް އަދިވެސް ފާހަގަކޮށްލަން ޖެހެނީ ޝަރީއަތްތައް ހުއްޓުމެއް ނެތި ބާރަށް ކުރިއަށް ގެންދިޔަ ކަމެވެ. އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާއި ސޯޝަލްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ލައިވް ކުރުމުން އެ ޝަރީއަތްތައް ހިނގަމުން ދިޔަ ގޮތް ރައްޔިތުންނަށް ދިޔައީ ވަގުތުން ފެންނަމުންނެވެ.

ދެފުށް ފެންނަ އަދުލުވެރި ފަނޑިޔާރު ގެއެއް ލިބޭނޭކަމުގެ އުންމީދު ރައްޔިތުންގެ ހިތުގައި އާލާވި ކަމަކަށް ނޫނީ މިކަން ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް