ޖުމްލަ 107.4 މިލިއަން ޑޮލަރުގެ އެރައިޒް މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމާއި، އިއާދަކުރަނިވި ހަކަތަ ގްރިޑަށް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބޭނުންވާނެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ.
އެ މިނިސްޓްރީން ބުނީ އެރައިޒް މަޝްރޫއު ހިންގާނީ ފިޔަވަހިތަކަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސަކަށް ސަބް-ޕްރޮޖެކްޓެއް އެކުލަވާލެވިގެން ކަަމަަށެވެ.
އެފިޔަވަހީގައި 2 ލޮޓެއް ހިމެނިފައިވާއިރު، ޖުމަލް 10 މެގަވޮޓް ހިމެނިފައިވަނީ ފްލޯޓިން ސޯލާ (މޫދު ސޯލާ) ގެ ނިޒާމެއް ގާއިމްކުރުމަށެވެ. އަދި ބާކީ 11 މެގަވޮޓަކީ ބިމުގައާއި އިމާރާތްތަކުގެ ފުރާޅުތަކުގައި ގާއިމުކުރާ ސޯލާ ޕީވީގެ ނިޒާމެވެ. އެ 6 ސަރަހައްދުގައި ގާއިމްކުރެވޭ ސޯލާ ޕީވީގެ ނިޒާމުތަކުން ރަށްތަކުގައި ދުވާލު ގަޑީގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ އަދަދުގެ 70 އިންސައްތައިގެ ކަރަންޓް އުފެއްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ ފިޔަވަހި ނިމުމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 9 މިލިއަން ލީޓަރު (ގާތްގަނޑަކަށް 49،000 ފީފާ) ގެ ޑީސަލް ސަލާމަތްވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އެރައިޒް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހޮވާލެވިފައިވާ އާބާދީ ބޮޑެތި ރަށްތަކުގައި ގާއިމްކުރާ 21 މެގަވޮޓްގެ ސޯލާ ޕީވީގެ ޕްރިކޮލިފިކޭޝަން އަށް އިއުލާންކުރެވި މިހާރު ކުރިއަށްދަނީ ޝައުގުވެރިކަން ފާޅުކުރި ފަރާތްތައް ކޮލިފައިވޭތޯ ބެލުމުގެ މަރުހަލާކަމަށެވެ. އޭގެ ކުރީން ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްދާ އެސްޕަޔާ ޕްރޮޖެކްޓްއިން ހުޅުލެ – ހުޅުމާލެ ލިންކް ރޯޑްގައި ފަސް މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމެއް ގާއިމްކުރުމަށް ވަނީ މި އަހަރުގެ ނޮވެމްބަރު މަހު ތެރޭ ތައިލެންޑްގެ އެންސިސް ކުންފުންޏާއި އެކު ސޮއިކޮށްފައެވެ.
އެރައިޒް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ލ. އަތޮޅުގެ ރަށްތަކާއި ޅ. ނައިފަރާއި އަދި ކުޑަހުވަދޫގައި އިތުރު ނުވަ މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމެއް ގާއިމުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެ މިނިސްޓަރީން ދަނީ ކުރަމުންނެވެ. އެރައިޒް މަޝްރޫއުގެ ތިނަވަނަ ފިޔަވަހީގައި މަދުވެގެން ހަ މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމްކުރުމަކީވެސް މި މަޝްރޫއުގެ އަމާޒެކެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާއިރު، އަދި ކޮވިޑް ކާރިސާގެ ސަބަބުން ރާއްޖެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަދި ވަކީން ހާއްސަކޮށް ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އެ މަޝްރޫއުގެ ސަބަބުން ބޮޑު ކުރިއަރެމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.