ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ދެކުނު ކޮރެއާ އިން 1،030 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، މިއީ އެގައުމުގައި ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް ޖެހިޖެހިގެން ފެނުނު ދެވަނަ ދުވަހެވެ.
މީގެ ކުރިން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ކުރީގައި އުޅުނު ދެކުނު ކޮރެއާ އަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް ބިންދާލާފައިވާ އިރު، މިހާރު އެ ގައުމުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރި، ދުވަހުން ދުވަހަށް ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އަލަށް ކޮވިޑް-19 ޖެހުނު 1،030 މީހުންގެ ތެރެއިން 1،002 މީހުންނަކީ އެ ގައުމުގެ މީހުން ކަމަށްވާ އިރު، އެއާއެކު އެ ގައުމުން މިހާތަނަށް 42،766 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އަދި 580 މީހުން މަރުވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ބަލިތައް ކޮންޓްރޯލްކުރާ އޭޖެންސީން މައުލޫމާތުދެ އެވެ.
ހޮނިހިރު ދުވަހު ދެކުނު ކޮރެއާގެ ބޮޑުވަޒީރު ޗުން ސައި-ކުން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ހަލުވިކަމާއި އެކު ފެތުރެމުންދާ ނަމަ، ހަރުކަށި ފިޔަވަޅުތައް އަޅައި ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށެވެ. އެހެންކަމަށްވާ ނަމަ، މިއީ އޭޝިއާގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ދެކުނު ކޮރެއާ ލޮކްޑައުނަކަށް ދާނެ ފުރަތަމަ ފަހަރެވެ.
ދެކުނު ކޮރެއާގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވާ އިރު، އެގައުމުގެ ވެރިރަށް ކަމަށްވާ ސޯލްގައި ލެވަލް 2.5 ގެ ފިޔަވަޅުތައް ތަންފީޒު ކުރެވެމުންދާ އިރު، ތިންވަނަ ލެވަލްގެ ފިޔަވަޅުތައް އެޅުމަކީ އެކަށީގެންވާ ކަމެކެވެ. އެއާއި އެކު ސްކޫލްތައް ބަންދުކޮށް އޮންލައިން ކްލާސްތަކަށް ބަދަލުވާއިރު، ތިންވަނަ ލެވަލްގެ ފިޔަވަޅުތަކުގެ ސަބަބުން ސޯލްގެ އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ދިހަ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާ ކަމެކެވެ.
ދެކުނު ކޮރެއާގެ އިތުރުން ޖަޕާންގައި ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު، އިއްޔެ އެކަނިވެސް އެގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 3،000 އާއި ގާތްކޮށްފަ އެވެ.