އިއްޔެ ބްރެޒިލްގެ ސަރުކާރުން އާންމުކުރި އެ ޕްލޭންގެ ދަށުން ބްރެޒިލްގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި ކަމަށްވާ 51 މިލިއަން މީހުންނަށް އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވެކްސިން ދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ބްރެޒިލްގެ ސުޕްރީމް ކޯޓުން އެގައުމުގެ ސަރުކާރަށް ޕްލޭން ކުރިއަށް ގެންދާނެ ގޮތެއް ހުށަހެޅުމަށް މުއްދަތެއް ދީފައިވާ އިރު، ބްރެޒިލްގެ ހެލްތް މިނިސްޓްރީން ބުނީ ސިއްހީ މަސައްކަތްތެރިންނާއި، އުމުރުން ދުވަސްވީ މީހުން ފަދަ ހައި ރިސްކް މީހުންނަށް 108 މިލިއަން ވެކްސިން ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވެކްސިން ދިނުމުގެ ޕްލޭންގައިވާ ގޮތުން ކޮންމެ މީހަކަށް ވެކްސިންގެ ދެ ޑޯޒް ދޭ އިރު، ވެކްސިން ދޭން ފަށާނެ ވަކި ތާރީހެއް ނުވަތަ ވެކްސިން ބޭނުންވާ އަދަދެއް އެ ޕްލޭންގައި ހިމެނިފައެއް ނެތެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބްރެޒިލްގެ ހެލްތް މިނިސްޓަރު އެޑުއާޑޯ ޕަޒުއެލޯ ވަނީ އަންނަ އަހަރު ބްރެޒިލްގެ މުޅި އާބާދީ ކަމަަށްވާ 209.5 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ދިނުމަށް ވައުދުވެ ވަޑައިގެންފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގަައި ބްރެޒިލް އިން 43،900 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 686 މީހުން ވަނީ އިއްޔެ އެގައުމުގައި މަރުވެފަ އެވެ.
މިހާތަނަށް ބްރެޒިލް އިން 6.88 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 180،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވެ އެވެ. އެމެރިކާ އަށް ފަހު ކޮވިޑް-19 ގައި ދެވަނަ އަށް އެންމެ މަރު ގިނަ ގައުމަކީ ބްރެޒިލް އެވެ.