ads
ވީޑިއޯ ރިޕޯޓް:-
ދިވެހިރާއްޖެ "ގަބުރުސްތާނަކަށް" ބަދަލުވަނީ ބާ؟
ކޮވިޑް-19 ގެ ސަބަބުން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާލުމުގެ ބަދަލުގައި ރާއްޖޭގައި އެމީހުން ވަޅުލުމުގެ ކަންކަން ހަމަޖެއްސުމަށް އެގައުމުގެ ފަރާތުން ވަނީ ރަސްމީކޮށް އެދިފަ އެވެ. ފޮރިން މިނިސްޓްރީން މިކަން ޔަގީންކޮށްދިނުމާއެކު މި މައްސަލަ ހޫނުވެ، ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ.

މި ބަހުސްގައި އެއްބަޔަކު ރާއްޖެ "ގަބުރުސްތާނަކަށް" ބަދަލުވަނީތޯ ސުވާލުކޮށްފައިވެއެވެ.

މި މައްސަލައިގައި ރާއްޖެއަށް ލަންކާ މުސްލިމުން ގެނަން ޖެހޭނެކަމަށް ބުނާ މީހުން ގެ ބަހުސް ވެސް ގޯހެއްނޫނެވެ. ކޮންމެ މުސްލިމަކަށްވެސް ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހައްގު ލިބެން ޖެހޭނެއެވެ. 

ރާއްޖެއަށް ލަންކާ މުސްލިމުން ގެނައުމާ ދެކޮޅު ހަދާ މީހުންގެ ސަބަބު ވެސް ގޯހެއް ނޫނެވެ. 

ލަންކާއިން މަރުވެފައިވާ ހަށިތަކެއް ނެގެނެސް، ހިނަވާ ކަފުން ކޮށް، ވަޅުލުން އެއީ ހަރަދެވެ. ވަގުތެވެ. އޭގެ ބަދަލުގައި ރާއްޖެއިން ކަށުކަމާ ކެމީގެ ޓީމެއް ފޮނުވުން ވެސް ރަނގަޅެވެ. 

ސަަބަބަކީ ރާއްޖެއަށް މައްޔިތުން ގެނައުމަށް ވުރެ، ލަންކާގައި ކަށުކަމާކެމީގެ ކަންކަން ކުރަން ހަރަދު ކުޑަވާނެއެވެ. އަދި ދިވެހި ދައުލަތަށް  އިގްތިސާދީގޮތުން ވެސް ދަތިވެފައިމިވާ ހާލަތުގައި މާލީ ގޮތުން ކުރަންޖެހޭ ހަރަދު ކުޑަވާނެއެވެ. 

ރާއްޖެ އާއި ސްރީލަންކާގައި ވެސް މި ބަހުސް ކުރެވެމުން ދާއިރު، މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެއް ބަޔަކު ދަނީ ބުނަމުންނެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މުސްލިމެއްގެ ހަށިގަނޑު ވަޅުލައިދިނުމަކީ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކުރަން ޖެހޭނެ ކަމެކެވެ.

މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާން އެދުމާއެކު ބޮޑު ބަހުސަކަށް! 

ރާއްޖެ ގަބުރުސްތާނަކަށް ބަދަލު ވަނީތޯ  މި ސުވާލު އުފައްދަވާ އެއް ބޭފުޅަކީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުނައްވަރެވެ.

މު ނައްވަރުގެ ވާހަކަ ފުޅައް ކުރީގެ ރައީސް މައުމޫނު ވެސް ތާއީދު ކުރައްވާފައިވެއެވެ.

މި ބަހުސް އެންމެ ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ލީޑަރު މައުމޫން އަބްދުލް ގައްޔޫމެވެ. މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވަކި ދީނެއް އަދި ގައުމެއް ތަފާތު ކުރުމެއް ނެތި ހުރިހާ އެންމެންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑުގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ

މައުމޫނަށް ރައްދު ދެއްވަމުން ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ދިރި ތިބި މީހުން ރާއްޖެއިން މަރުހަބާ ކިޔާ ނަމަ މައްޔިތާއަށް ދެވޭ އަނިޔާއަކުން އޭނާ ސަލާމަތް ކުރުމަށް ވެސް މަރުހަބާ ކިޔަން ޖެހޭ ކަމަށެވެ. އަދި ކިތައްމެ ބޮޑު ބައްޔެއް ވެގެން މީހަކު މަރުވި ނަމަވެސް އަންދާލުމަކީ އިސްލާމްދީން ހުއްދަ ކުރާ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވެސް ވަނީ މިކަމާ ދެކޮޅަށް ހިޔާލުފާޅުކުރައްވާފަ އެވެ. އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މުސްލިމަކު މަރުވުމުން އެންމެ ރަނގަޅު ގޮތަކީ އޭނާ އޭރު ހުރި ބިމެއްގައި ކަފުންކޮށް ވަޅުލުން ނޫންތޯ ސުވާލު އުފައްދާފަ އެވެ. އަދި ލަންކާ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުން ތޯ ސުވާލު އުފައްދަމުން އޭނާ ވިދާޅުވީ ލަންކާގެ މުސްލިމުން ވެސް އެދޭނީ އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ވަޅުލާން ކަމަށެވެ.

ލަންކާގައި ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލާން ރާއްޖެ ގެންދަން ޖެހުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާ ވެސް ވަނީ ވިދާޅުވެފަ އެވެ.

ލަންކާގެ ބައެއް މުސްލިމުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުން ބުނެފައި ވަނީ ލަންކާ ރައްޔިތެއްގެ ހައިސިއްޔަތުން އެމީހުން ޓެކްސް ދައްކަން ޖެހެނީ ލަންކާ ސަރުކާރަށް ތޯ ނުވަތަ ރާއްޖޭގެ ސަރުކާރަށް ތޯ ސުވާލު ވެސް އުފައްދާފަ އެވެ.

އެކަމާ ދެކޮޅަށް ގިނަ ބައެއްގެ ވާހަކަތައް ހުރިއިރު، އެފަދަ ކަމެއް ކޮށްދިނުމަކީ ރާއްޖެއިން ކުރަން ޖެހޭނެ ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ކޮވިޑު ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައި ދިނުމަކީ ވަރަށް ދަރުމަވެރި ކަމެއް ކަމަށެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ، ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ، މިވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށެވެ.

މާމިގިލި ދާއިރާގެ މެމްބަރު އަދި ކޯލިޝަނު ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ކޮވިޑް-19 ގައި މަރުވާ މުސްލިމުން ވަޅުލުމަށް ކޮށްދެވެން އޮތް ކަމެއް ކުރުން އެދެވިގެންވާ ކަމަށެވެ. ކޮންމެ ދީނެއްގެ މީހަކު ކަމަށް ވިޔަސް ދީނުގައިވާ ގޮތަށް ޖަނާޒާގެ ކަންތައް ކުރުމުގެ ހައްގު ދިނުމަކީ ބައިނަލްއަގްވާމީ ގޮތުން ބެލިޔަސް، ދީންތަކުގެ ހަމައިން ބެލިޔަސް އަދި އިންސާނީ ބުއްދީގެ ހަމައިން ބެލިޔަސް ލިބިގެންވާ ލާޒިމު ހައްގެއް ކަމަށެވެ.

މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ ކަމަށާއި، އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ގައުމަކުން ކުރެވިދާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ޝަހީމް ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެމަތިން އެގައުމުގައި ވަޅުލުމުގެ ފުރުސަތު، އެގައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެ ކަމަށާއި، އެއީ އިންސާނީ އަދި އަގީދާ އާއި ގުޅުންހުރި ދީނީ ހައްގެއް ކަމަށެވެ.

ކޮންމެއަކަސް ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލައިދޭން އެދިވަޑައިގަތީ އެގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އެވެ. ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައި ވާއިރު މިކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެ އެވެ. ސްރީލަންކާގެ ރައީސްގެ އެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މިހާރު މަޝްވަރާ ކުރައްވަމުންނެވެ.

ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ގައި މަރުވާ މީހުން އަންދާލުމަށެވެ. ނަމަވެސް މުސްލިމުން އެގޮތައް އަންދާލުމަކީ އެގައުމުގެ މުސްލިމުން ނުރުހުން ފާޅުކުރަމުން ގެންދާ ކަމެކެވެ.

މިއީ ހިޔާލު ތަފާތުވެފައިވާ ބޮޑު މައްސަލައެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް