ads
ލަންޓަން
ކޮވިޑް 19 - ލަންޑަނުގައި ފިޔަވަޅުތައް ހަރުކަށިކޮއްފި
ކޮވިޑް 19 ގެ ސަބަބުން ހާލަތު ގޯސްވާތީ އިނގިރޭސިވިލާތުގެ ލަންޑަންގައި އަނެއްކާ ވެސް ސަމާލުގެ މިންވަރު އިތުރުކޮށް އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ބަލިޖެހޭ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. މިދިޔަ ހަފުތާގައި ލަންޑަންގައި ކޮންމެ 100،000 މީހުންގެ ތެރެއިން 191.8 މީހުންނަށް ދަނީ ބަލިޖެހެމުދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާތަނަށް އިނގިރޭސިވިލާތުގައި 1.8 މިލިއަން މީހުންނަށް ކޯވިޑް ޖެހި 64.170 މީހުންވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާއިބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ ފާއިތުވި ހަފުތާގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި އެއް ސިޓީކަމުގައިވާ ލަންޑަނާއި ކައިރި ކައުންޓީތަކުގައި ވަރަށް ހަލުވިކަމާއިއެކު ބަލި ފެތުރެމުންދާކަމަށެވެ. އެ ސަރަހައްދުތަކުގައި ފެތުރެމުންދަނީ ބަލި ޖައްސާ ވައިރަހުގެ ތަފާތު ވައްތަރެއްކަމަށާއި ވައިރަސް ފެތުރިފައިވާ މިންވަރު ބުނަން ނޭނގޭކަމަށް ހެންކޮކް ވަނީ ވިދާޅުވިއެވެ.

ބަލި ފެތުރޭ މިންވަރު އިތުރުވުމަށް މެދުވެރިވި ސަބަބު ނޭނގުނު ނަމަވެސް ބަލި ފެތުރުން ހުއްޓުވުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަންޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.އެގޮތުން ލަންޑަނާއި ބައެއް ކައިރި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން އެންމެ މަތިކުރުމަށް ނިންމާފައިވާކަން އޭނާ އިއުލާނުކުރެއްވިއެވެ.

މި މަހުގެ ކުރީކޮޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުން އެގައުމުގެ އެކި ސަރަހައްދުތަކުގެ ހާލަތު ވަޒަންކުރުމަށް ތިން މަރުހަލާއަކަށް ބަހާލާ ނިޒާމެއް ގާއިމްކޮށްފައިވާއިރު އެ ތިން މަރުހަލާގައި އަޅާ ފިޔަވަޅުތައްވެސް ތަފާތުވާނެއެވެ.

އިނގިރޭސިވިލާތުގައި ގާއިމްކޮށްފައިވާ ބަލީގެ ނުރައްކާގެ މިންވަރު ވަޒަންކުރާ ނިޒާމުގެ މަރުހަލާތަކުގެ މެދުގައި އޮތް އެންމެ ބޮޑު ތަފާތަކީ ފުރަތަމަ އަދި ދެވަނަ ކެޓެގަރީގައި ހިމެނޭ ސަރަހައްދުތަކުގެ ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އޮތުމެވެ. ނަމަވެސް ތިންވަނަ ކެޓެގަރީގައި ހިމެނޭ ރެސްޓޯރަންޓުތަކާއި ކެފޭތައް ބަންދުކުރަން ޖެހެއެވެ. އެ ތަންތަނަށް ހަމައެކަނި ދެވޭނީ ޓޭކްއަވޭގެ ހިދުމަތެވެ. އޭގެ އިތުރުން އެއްވެ އުޅުމާއި މީހުންނާއި ބައްދަލުކުރުމުގައި ލިބިދޭ ލުއިތައް އިތުރަށް ހަރުކަށިކުރާނެއެވެ. ނަމަވެސް މަދަރުސާތަކާއި އިދާރާތައް ބަންދުކުރަން އަދި ނިންމާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް