ads
މާލޭގެ މަގުމަތި--
އިންސާނީ ތަރައްގީގައި ރާއްޖެ ނުވަ ދަރަޖަ ކުރިޔަށް
ޔޫއެންޑީޕީން އާންމުކުރާ އިންސާނީ ތަރައްގީގެ ރިޕޯޓުގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 9 ދަރަޖަ ކުރިއަށް ޖެހިލައިފި އެވެ.

ޔޫއެންޑީޕީން އާންމުކޮށްފައިވާ ރިޕޯޓުގައިވާގޮތުން 1990 ވަނަ އަހަރުގެ ފަހުން ދިވެހިންގެ އާންމު އުމުރު ވަނީ 17.4 އަހަރު އިތުރުވެފައިވާ ކަމަށާއި ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް 132 އިންސައްތައް ވަނީ އިތުރުވެފަ އެވެ. އަދި މިއަހަރު ދެކުނު އޭޝިއާ ސަރަޙައްދުގައި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު އެންމެ މަތީ ވެސް ރާއްޖޭގައެވެ. އެއީ 14.5 ޓަނަށް ވާއިރު މިއަދަދަކީ ދުނިޔޭގެ އެވްރެޖް އަދަދުކަމަށްވާ 12.3 ޓަނަށްވުރެވެސް މަތީ އަދަދެއްކަމަށް ޔޫއެންޑީޕީން ބުނެއެވެ.

މި ރިޕޯޓުގައި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފުޖީ އާއި، މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރު އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު ލިޔުއްވާފައިވާ އޮޕީނިއަން އެޑިޓޯރިއަލްގައި ވަނީ މި ޒަމާނުގައި އިންސާނީ ތަރައްގީ ހާސިލުކުރުމަށްޓަކައި މުޅި މުޖުތަމައުގެ ރައްދެއް ބޭނުންވާކަން ފާހަގަކޮށްފަ އެވެ.

މި އޮޕީނިއަން އެޑިޓޯރިއަލްގައި ފާހަގަަކޮށްފައިވާގޮތުން ވަކިވަކި މީހުން ކުރަންޖެހޭނެ ކަންކަމަށްވުރެ ބޮޑަށް ކަންކުރާނެ ގޮތުގެނިޒާމެއް ގާއިމުކުރުން މުހިންމެވެ. އެގޮތުން މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު ވިޔަފާރީގެ ހަރަކާތްތަކުން މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމެއްކަން ވެސް ފާހަގަކޮށްފައެވެ.  

މީގެ އިތުރުން އާ ވިޔަފާރިތައް އުފެއްދުމުގައި މުސްތަގުބަލުގެ ޒިންމާދާރު އުފެއްދުންތެރިންގެ ހައިސިއްޔަތުން އެމީހުންގެ ވިޔަފާރީގެ ހުނަރާއި ތަސައްވުރު ބޭނުންކުރަންވާނީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، ފެހިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތްތައް ހިޔާރުކޮށްގެން ކަމަށްވެސް މި އޮޕީނިއަންއެޑިޓޯރިއަލްގައި ފާހަގަކޮށްފައިވެ އެވެ.

އިންސާނީ ތަރައްގީގެ ރިޕޯޓު ނުވަތަ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އަކީ ގައުމެއްގައި ސިއްހަތާއި ތައުލީމާއި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާ މިންގަނޑެކެވެ. މީގެ ތެރެއަށް ގައުމުން ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރާއި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ މެޓީރިއަލް ފުޓްޕްރިންޓް މި ދެ ކަންތައް އިތުރުކުރުމުން، އާންމުކޮށް އިންސާނުންނާއި ދުނިޔޭގެ ދުޅަހެޔޮކަމަކީ އިންސާނީ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންކަމުގެ ގޮތުގައި ދައްކުވައިދޭ ކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުމުގައި 189 ގައުމުގެ ތެރެއިން ދިވެހިރާއްޖެ އޮތީ 95 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ ލިސްޓުގެ 104 ވަނައިގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް