ads
ރާއްޖެއަށް އައި ފަސްލައްކަ ވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާ އެއް ކިޔައިފި. އެހެންކަމުން ސަރުކާރުން ކުރި އަމާޒަށް މިހާރު ވަނީ ވާސިލްވެވިފައި--- ފޮޓޯ: ރާއްޖެޓީވީ ލައިވް
އަންދާޒާކުރި ވަރަށް ވުރެ ގިނައިން ފަތުރުވެރިން އަތުވެދާނެ
މި މަހުގައި އެކަނިވެސް ބައެއް ދުވަހު 3،000 ފަތުރުވެރިން އައިސްފައިވޭ
ރާއްޖެއަށް މަހުން މަހަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުން
ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެއާއި އެކު އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ އެހެނިހެން މަސްތަކާއި އަޅާ ބަލާއިރު، ބައެއް ދުވަސް ދުވަހު 3،000 އަށް ވުރެ ގިނަ ފަތުރުވެރިން ދުވާލެއްގެ މައްޗަށް އައިސްފައިވާ ކަމެވެ.

އާންމު ގޮތެއްގައި މި މަހު ރާއްޖެއަށް ދުވަހުން ދުވަހަށް އަންނަ ފަތުރުވެރިންގެ އަދަދު ދެހާހުގެ އަދަދުތަކުގައި ހިފަހައްޓާލެވޭ ކަން ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. މި މަހުގެ ފާއިތުވެގެންދިޔަ ދުވަސްތަކަށް ބަލައިލާއިރު، އެވަރެޖް ގޮތެއްގައި ދުވާލަކު 2،561 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ. އެއާއި އެކު މުޅި އަހަރަށް ބަލައިލި ކަމުގައި ވިޔަސް އެވަރެޖް ގޮތެއްގައި ދުވާލަކު 2،004 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.

އިއްޔެ އެކަނިވެސް ރާއްޖެއަށް 3،418 ފަތުރުވެރިން އައިސްފައިވާ އިރު، އޭގެ ކުރީ ދުވަހު 3،097 ފަތުރުވެރިން އައިސްފައިވެ އެވެ. ބޯޑަރު ހުޅުވާލި ފަހުން ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ދުވަސް ކަަމަށްވާ މި މަހުގެ 13 ވަނަ ދުވަހު 3،864 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

ބޯޑަރު ހުޅުވާލި މުއްދަތުގައި މަހުން މަހަށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެފައިވާ އިރު، މި މަހުގެ މިހާތަނަށް 46،104 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއާއި އެކު މި މަސް ނިމުމުގެ ކުރިން 55،000 ފަތުރުވެރިންނަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެން ފަށާފައިވާ އިރު، ބޯޑަރު ހުޅުވާލި މުއްދަތުގައި 140،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން އައުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ބޮޑެވެ. ފުރަބަންދުން ފެށިގެން އެމްއެމްޕީއާރުސީން ބޭރުގެ އެކި މާކެޓްތަކަށް އިންތިޒާމްކޮށްގެން ތަފާތު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ އިރު، ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި އެކި ޓްރެވަލް އޭޖެންސީތަކާއި ބޭރުގެ މީޑިއާތަކާއި ގުޅިގެން މަސައްކަތްކޮށްފައިވެ އެވެ.

އެންމެ ފާހަގަކޮށްލެވެނީ ބޯޑަރު ހުޅުވާލި މުއްދަތުގައި ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، މިހާރު އެ އަދަދު 19 އަށް އިތުރުވެފައިވުމެވެ. ވަކިން ހާއްސަކޮށް ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކަށް ޑިމާންޑް ބޮޑުވެފައިވާތީ އެ އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ބޮޑުކޮށް، ކުރާ ދަތުރުތަކުގެ އަދަދު އިތުރުކޮށްފަ އެވެ. އެއާއި އެކު ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވެ އެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން 525،000 ފަތުރުވެރިން ގެނައުމަށް ކަމަށްވާ އިރު، މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ގޮތަށް ބަލާލައިފި ކަމަށްވާ ނަމަ، އެ އަދަދަށް ވުރެ ގިނައިން ފަތުރުވެރިން އައުމަކީ އެކަށީގެންވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް