ads
ރާއްޖޭގެ ރިސޯޓެއްގައި ކްރިސްމަސް ގަހެއް-- ފޮޓޯ: އެމްބީއާރް
"ރިސޯޓުތަކުގައި ހިންގާ ޖަރީމާތައް ރަށްރަށަށް ފުޅާ ނުކުރޭ!"
ކޮންމެ އަހަރެއްގެ ފަހު ކޮޅަށް އެޅުމުން އާދައިގެ މަތިން އިވޭ ބަހުސް މި އަހަރު ވެސް މި ވަނީ އިވެން ފަށާފަ އެވެ. އެއީ ކްރިސްމަސް އަދި އާ އަހަރު ފާހަގަކުރުމާ ގުޅޭ ގޮތުން ކުރެވޭ ބަހުސް އެވެ. މި ފަހަރު ބަހުސް ހޫނުވީ ގެސްޓުހައުސް ސިނާއަތް އެންމެ ބާރަށް ހިނގާ ކ. މާފުށީގައި ހުރި ކްރިސްމަސް ގަހެއް ފުލުހުން "ހައްޔަރު ކުރި" ހިސާބުންނެވެ.

މިދިޔަ ހުކުރު ދުވަހު އެ ގަސް ނެގުމަށް ފަހު ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމަށް ބުނީ ކާނި ބީޗް ގެސްޓުހައުސް ބޭރުގައި ހުރި ގަސް ނެގީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ފުށޫއަރާތީ ކަމަށެވެ. 

އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 08:30 ހާއިރެވެ. މަޝްވަރާކޮށްގެން ގަސް ނެގޭނެ ގޮތެއް ނުވުމުން އެންމެ ފަހުން ފުލުހުންނަށް ޖެހުނީ ކޯޓު އަމުރެއް ހޯދާށެވެ. އެއާއެކު އެއީ މައްސަލައެއް ކަމަށް ނުދެކޭ މީހުން ހަޖޫޖެހުމުގެ ގޮތުން ކިޔަން ފެށީ ގަސް "ހައްޔަރު ކުރީ" ކަމަށެވެ. 

your imageމާފުށީގައި ބެހެއްޓި ކްރިސްމަސް ޓްރީ ނަގައިގެން ގެންދަނީ

އެކަމަށް ތާއީދުކުރާ މީހުން ދެކޭ ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ފާހަގަކުރާ އެ ދުވަސް ރިސޯޓުތަކުގައި ފާހަގަކުރެވޭއިރު، ގެސްޓުހައުސް ހިންގާ ރަށްތަކުގައި ފާހަގަކުރުން ގޯސް ވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މިއީ ވިޔަފާރީގެ ބޭނުމަށް ރަމްޒީ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ވެސް ސިފަކޮށްފައި ވެއެވެ. 

އެހެން ނަމަވެސް މި މައްސަލާގައި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ބުރަވަނީ އަނެއް އަތަށެވެ. ކޮންމެ އަހަރަކު ވެސް އިލްމުވެރިން ނަސޭހަތްދޭ ފަދައިން މި އަހަރު ވެސް ބުނަމުން ދަނީ ކްރިސްމަސް އަދި އާ އަހަރު ފާހަގަކުރުމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. 

"ގެސްޓުހައުސް ވިޔަފާރި އާއި ރިސޯޓުތަކާ އަޅާ ނުކިޔޭނެ! ދެ ތަން ވަރަށް ތަފާތު! ރިސޯޓުތަކުގައި ހިންގާ ނުބައި ޖަރީމާތައް މީހުން ދިރިއުޅޭ ރަށްރަށަށް ފުޅާ ނުކުރާށޭ އަޅުގަނޑުމެން މި ދަންނަވަނީ! ނުބައި މައްޗަށް ނުބަޔޭ! ގެސްޓުހައުސް ވިޔަފާރި ވެސް ހިންގަވާށޭ ދީނުގެ އުސޫލުތަކަށް ތަބާވެގެން،" ޝެއިހް އަލީ ޒައިދު ވިދާޅުވި އެވެ.

ޝެއިހް އިލްޔާސް ހުސެން ވިދާޅުވީ ކްރިސްމަސް ފާހަގަކުރަން ތާއީދު ކުރުމަކީ މާތްﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އެމީހަކު ބޭނުންވާ ކަމެއް ހާސިލް ކުރުމަށް ގާނޫނުތައް ހެދިޔަސް އިލާހީ ގާނޫނަށް ފުށުއަރާ އެއްވެސް ގާނޫނަކަށް މުސްލިމުން އަމަލުކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޝެއިހް ޑރ. މުހައްމަދު އިޔާޒް ފަދަ ގިނަ ޝެއިހުން ގެންދަވަނީ ކްރިސްމަސް ފާހަގަކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާގެ ނަސޭހަތްދެމުންނެވެ. 

ކޮންމެއަކަސް މި އަހަރުވެސް މި ބަހުސް ހޫނުވެފައި ވާއިރު، ބައެއް ފަރާތްތަކުން އަދި ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައެއް މީހުން ދެކޭ ގޮތުގައި ކްރިސްމަސް ގަހެއް ބެހެއްޓުމުގެ ފުރުސަތު ނުލިބުމަކީ އެމީހުންގެ ވިޔަފާރިއަށް އޮތް ހުރަހެކެވެ. 

89%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް