ސައުދީން ރާއްޖެއަށް ކަނޑައެޅި ސަފީރު ރައީސްއަށް ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އާ ސަފީރުގެ ދައުރުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާ ވަކިން ހާއްސަކޮށް ގެދޮރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއާ ގުޅޭގޮތުން މި އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަލިއަޅުއްވާލާފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑާލުމަށް ފަހު ހައްޖާއި އުމްރާވުމުގެ ފުރުސަތު ސައުދީ ސަރުކާރުން އަލުން ހުޅުވައިލެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ވަކީން ހާއްސަކޮށް އިސްލާމީ ދުނިޔެއާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ފޯރަމްތަކުގައި އެ ޤައުމުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރެއްވާ ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުޤުވެރިކަން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރައްމިއްޔާތުގައި ސައޫދީ އަރަބިއްޔާގެ އާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވި އެވެ.