
ނަމަވެސް 2020 ވަނަ އަހަރު ދިމާވި ކޮރޯނާ ވައިރަހުގެ އާލަމީ ވަބާ ވެގެން ދިޔައީ ދިވެހިރާއްޖޭގެ ތައުލީމީ ހަޔާތައް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށެވެ. އަދި އެ ގޮންޖެހުމުގެ ގެއްލުން މާލީ ގޮތުންނާއި، މައުނަވީ ގޮތަކުން ވެސް އެންމެ ބޮޑުވާނީ މި ޕެންޑަމިކުގައިކަން ޔަގީނެވެ. ސަބަބަކީ 2020 ވަނަ އަހަރު ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމީ ހިދުމަތް ދައުލަތުގެ ފަރާތުން ދެމުން ގެންދިޔައެވެ. އަދި ގިނަ ކުދިންތަކެއް ތައުލީމް ހާސިލުކުރަމުން ގެންދިޔައެވެ. މި ފަދަ އެތައް ސަބަބު ތަކަށްޓަކައި 2020 ވަަނަ އަހަރަކީ ރާއްޖޭގެ ތައުލީމީ ހަޔާތައް ދިމާވި އެންމެ ބަނަ އެއް އަހަރެވެ. އަދި އެންމެ ހިތާމަވެރި އަހަރުވެސް މެއެވެ.
އިއްޔެއަކީ ތައުލީމީ ވުޒާރާއަށް 88 އަހަރު ފުރިގެން ދިޔަ ދުވަހެވެ. ރާއްޖޭގެ ތައުލީމުގެ ދިގު 88 އަހަރުގައި އެތަށް ގޮންޖެހުންތަކަކާއި ހުރަސްތަކެއް ގިރާކޮށް މިއަދު ދިވެހިންނަށް ތައުލީމީ ގޮތުން ލިބިފައިވާ ކުރިއެރުންތަކާއިއެކު އާދެވިފައި މިތިބަ ހިސާބަކީ ވޮށި ފިލާއެޅި ޒަމާން ފަސްދީ ކޮންޕިއުޓަރުގެ އެންމެ ފިތަކުން އެތަށްކަމެއް، އެތަށް އެއްޗެއް އުގަންނާދެވޭ ފަދަ ފަހުރުވެރިވުން ހައްގު ހިސާބެކެވެ.
މިއަދު ތައުލީމީ ހަރުފަތްތަށް އެކި މަރުހަލާތަކުން ގިރާކުރަމުން އައިސް 88 އަހަރު ކަޑައްތު ތުކުރެވުނު އިރު ދެން އުފެދޭ ސުވާލަކީ 88 އަހަރުގެ ކުރިން ރާއްޖޭގައި ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ނެތީތޯ؟ ކުރެވޭ ސުވާލެވެ.
ޕްރީސްކޫލު ދަރިވަރުންތަކެއް--
މި ސުވާލަށް އެެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވަރަށް ތަފްސީލީ ޖަވާބެއް ދެއްވާފައެވެ. މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ތާރީހީ ފޮތްތަކުން އެނގޭގޮތުގައި، ރާއްޖޭގައި ނުކިޔަވައި ދިޔަ ދުވަސްވަރެއް ނާންނަކަމަށެެވެ.
އެޗްސީޕީ ބެލްގެ ފޮތުގައި، ސަރުކާރުގެފަރާތުން މާލޭގެ ހަތަރު އަވަށުގައި ހަތަރު އެދުރުގެ ހުންނަކަމާއި، އެ ތަންތަނަށް ކިޔަވައިދޭނޭ މުދައްރިސަކު ލާފައި ހުންނަކަމާއި ކީރިތި ޤުރްއާންގެ ފޮތްބައި ދަރިވަރުންނަށްދޭކަމުގެ ވާހަކަތައް ލިޔެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ނެވިކަން ކިޔަވައިދޭ 18 ތަން ހުންނަ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެޗްސީޕީ ބެލް އެންމެ ފަހުން މާލެއައީ 1922 ވަނަ އަހަރުއެވެ.
ފުރަތަމަ ގާނޫނު އަސާސީއާ އެކު އުފެއްދި އުނގަންނައިދިނުމާ ބެހޭ މަހަކްމާއަށް ނުވަތަ ވުޒާރާއަށް ކިޔަނީ "މަހަކްމަތުލް މައާރިފް" އެވެ. "މައާރިފް" އަކީ ދަތުން ނުވަތަ ކަމެއް ހާސިލުވުން ނުވަތަ "އަންޑަސްޓޭންޑް" ވުން އެވެ.
އެހެންކަމުން ރާއްޖޭގައި އުގަންނާ ނުދޭ ޒަމާނެއް ފާއިތުވެފައި ނެތެވެ. ކޮންމެވެސް ގޮތަަކަށް ކިޔަވައިދިނުމުގެ ކަންތައްތައް އެ ޒަމާނަކާއި އެކަށީގެންވާ މިންވަރެއްގައި ރާއްޖޭގައި އައީ ކުރަމުންނެވެ.
އެހެންނަމަ ވެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ތައުލީމީ ވުޒާރާއެއް އުފެދިގެން ދިޔައީ މީގެ 88 އަހަރު ކުރިން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މިއަދު 88 އަހަރު ފުރުން ފާހަގަކުރަަމުން މިދަނީ ތައުލީމީ ވުޒާރާއެއް ރާއްޖޭގައި ފުރަތަމަ ފަހަަރަށް އުފެދި ތައުލީމީ ދައުރު ގުނަންފެށިތާ 88 އަހަރު ފުރުމުންނެވެ.
ތައުލީމީ ވުޒާރާއަކަށް 88 އަހަރު ފުރިގެންދާއިރު އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަމަކީ މިފަދަ ދުވަހެއް ފާހަގަކުރެވެމުންދަނީ ކީއްވެތޯ ހާސިލުކުރަން ބޭނުންވަނީ ކޮން މަގުސަދުތަކެއްތޯއެވެ؟ މިކަންވެސް ވަނީ މިނިސްޓަރު އައިޝަތު އަލީ ސާފުކޮށްދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވިީ، މިފަދަ އަހަރީ ދުވަސްތައް ފާހަގަކުރުން އެންމެ މުހިންމު ވަނީ ހަވާލުވެގެން ތިބޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަތިން ހަނދާންކޮށް، އަލުން އެކަންކަންކުރުމަށް ކޮމިޓްވުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަފާދާރުވުން އެވުޒާރާގައި ހޭދަކުރާ މަދު ދުވަސްކޮޅުގައި، އާ ރޫހަކާއެކު ހަވާލުވެފައިވާ މަސައްކަތްތައް ކުރުމަށް އާއަޒުމަކާއެކު ކުރިމަތި ލުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ވުޒާރާގެ މޮރާލް ނުވަތަ ރޫހިއްޔާ މަތިކުރެވޭނީ ވޭތިވެދިޔަ އަހަރުތަކާމެދު ފިކުރު ހިންގާލައި، ވުޒާރާގެ ކާމިޔާބަށް ގަދައަޅާ މަސައްކަތް ކޮށްދިން ހާއްސަ ފަރާތްތަކުގެ ހިދުމަތް ހަނދާންކޮށް ކޮންމެވެސް ގޮތެއްގައި ފާހަގަކޮށްގެން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވިފަދައިން އަލް އުސްތާޒް އަހްމަދު ކާމިލްދީދީއާއި ސުމުއްވުލް އަމީރު މުހައްމަދު އަމީން ދީދީ ފަދަ، ވޭތުވެ ދިޔަ 88 އަހަރު ތައުލީމީ ވުޒާރާ ވިސްނުންތެރިކަމާއެކު ހިންގިވެރިންގެ މަސައްކަތްތަކުން އިބްރަތް ހާސިލުކުރަން އަޅުގަނޑުމެން މިއަދު އެބަޖެހެއެވެ. އަދި ވުޒާރާގެ ވޮޗަރާއި މަސައްކަތު މީހާއިން ފެށިގެން އިދާރީ މުވައްޒަފުންނާ އެހެނިހެން ގިންތިތަކުގެ އަގުހުރި މަސައްކަތްތައް ކޮށްދެއްވި ބޭފުޅުންގެ އަގުވަޒަންކޮށް އެބޭފުޅުން މަސައްކަތްތަކުން މިސާލު ނަގާގެން މެނުވީ މި ބޭނުންވާ އެންމެ މަތީ ހަރުަފަތްތަކަށް ދިއުމަކީ ނާދިރުކަމަކަށް ވާނެއެވެ.
ދިވެހިރާއްޖޭގެ ތައުލީމީ ތާރީހް: އެހާރާއި މިހާރު
މިއަދު އަޅުގަނޑުމެން ތައުލީމީ ވުޒާރާއެއް ވުޖޫދުވިތާ 88 އަހަރު ފާހަގަކުރާއިރު، އަލްވަދާއު މިކިޔާ 2020 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ގޮންޖެހުން ބޮޑު، ދަތި ދުވަސްތަކެއްް ގޮތުގަައި ގިނަ ކަންތަަށްތަކެއް ފެނި އިބުރަތް ލިބި "ދެފުށަށް ހަން ނޮޅިގެން" ނިމޭނެ އަހަރެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެންދާނެ ކަމާއިމެދު ޝައްކެތްނެތެެވެ.
މިއަހަރުގެ ކިޔެވުން ނިމިގެންދިޔައީ ކޮވިޑް-19 މި ދަތި ދަނޑިވަޅުގައި ކިޔެވުމުގެ މުހިންމު އުމުރެއް ތައުލީމީ ހަޔާތުން ކުދިބަޔަކަށް ގެއްލިގެން ނެވެ.
މާޗް 12 ގައި ރާއްޖޭ ސްކޫލުތައް ބަންދު ކުރުމަށް ފަހު ޖުލައި އެކެއްގައި މާލެ ނޫން ރަށްރަށުގައި ގްރޭޑް އެކަކުން މަތީގެ ކުދިންނަށް ކިޔަވައިދޭން ފެށި އެވެ.
ފަހުން ހާލަތު ކުޑަކޮށް ހަމަޔަަކަށް އެޅި ފައުންޑޭޝަން އަދި ޕްރީސްކޫލް ކުދިންނަށް އަތޮޅުތަކުގައި ކިޔަވައިދޭން ފަށަން ނިންމި ނަމަވެސް، 2020 ވަނަ އަހަރުގެ ކިޔެވުން މާލެ ސަރަހައްދުގެ އެ އުމުރުގެ ކުދިންނަށް ނިންމާލަން ޖެހުނީ ސްކޫލަށް ދިޔުމުގެ ހުއްދައެއް ނުލިބިއެވެ.
މިދިޔަ ޓާމުގެ ރިޕޯޓް ފޮތް ޑިޖިޓަލްކޮށް ބޭއްވި ހަފުލާއެއްގައި ދިނުމަށް ފަހު ސްކޫލުތައް ބަންދުކޮށްފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުން ބޮޑެވެ.
އެގޮތުން ކޮވިޑް-19 ގެ ހާލަތުގައި އެކި ފަހަރުމަތިން ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައި ދިނުން ހުއްޓާލަން ޖެހުނުއިރު ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައި ދިނުމަކީ އެންމެ ރައްކާތެރިގޮތަށް ނުވާތީ ކުދިންނަށް މުޅިންހެންވެސް ކިޔަވައިދެމުންދިޔައީ އޮންލައިންކޮށެވެ.
ހާއްސަކޮށް ޕްރީންސްކޫލް ލެވެެލްގެ ދަރިވަރުންގެ މިއަހަރުގެ މުޅި ތައުލީމީ ދައުރު ނިމިގެންދިޔައީ އޮންލައިން ކްލާސްތަކުންނެވެ.
އެކުދިންނަށް އޮންލައިންކޮށް ތައުލީމް ފޯރުކޮށް ދިނުމަށް ކުރެވުނު މަަސައްކަތުގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ މުޅިން އަލަށް ވުޖޫދު ކުރެވުނު ޓެލެކްލާސް ތަކެވެ. ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަވައި ދިނުމަށްޓަކައި ޓެލެކްލާސްތައް ވަނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންގޮސްފަ އެވެ.
އެހެންކަމުން ، މިހާލަތުގައި ދަސްވިކަންކަންވެސް ބައިވަރެވެ. ނޭގޭ އެތަށްކަމެއް ދަސްކުރަން މަޖުބޫރުވެގެން ދިޔުން އެއީ ކުދިންނަށާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންގެ ލޯވެސް ޑިޖިޓަލް ދުނިޔެއަށް ހުޅުވުނު ކަމެކެވެ.