ads
ހުޅުމާލެ ކޯ-ލިވިންގް ހައުސިންގް އިމާރާތުގެ ޑިޒައިން ފޮޓޯއެއް --- ފޮޓޯ: އެޗްޑީސީ
ކޯ-ލިވިން ހައުސިންގް ޕްރޮޖެޓް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ހުޅުމާލޭގައި "ކޯލިވިންގް ހައުސިންގް ޕްރޮޖެކްޓް" އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިއަދު އިއުލާނު ކޮށްފިއެވެ.

އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއާ" ނުވަތަ އެހެން މީހުންނާއިއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ކޮޓަރި ހެދުމަށް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި ޕްރޮޖެކްޓަކީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ މީހުންނަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިން ކަމަށެވެ.

ކޯ ލިވިންގް ކޮންސެޕްޓަށް އެޗްޑީސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓު ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕެންޓްރީ، ބާބުކިއު އޭރިއާ އަދި ކޮންމެ ފަންގިފިލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުންވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ ބައިވަރު ހިދުމަތްތަކެއް މި ބިލްޑިންގް އިން ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ކުރިއަށް ގެންދިޔަ ދިރާސާތަކުން ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި
އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ހޭދަކުރާކަން ހާމަވި ކަމަށް އެޗްޑީސީން ބުނެއެވެ. 

މި ފަރާތްތަކުގެ ތެރެއިން %55 އަށް ވުރެއް ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޗްޑީސީން ފާހަގަ ކުރެއެވެ.

މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި އެއް އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް ލަފާކުރެވޭ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ކޮންސެޕްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މަޝްހޫރުކަން ހޯދަމުން އަންނަ، ޑިވެލޮޕަރުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ޑިވެލޮޕަރުންނަށް މި ޕްރޮޖެކްޓްގެ ދަށުން ދެ ވަނަ ފަންގިފިލާއިން ފެށިގެން ނުވަ ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިން އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ހަދާ ކުއްޔަށްދިނުމުގެ ފުރުސަތު މަގުފަހިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. 

މި ޕްރޮޖެކްޓުގެ ދަށުން ކުއްޔަށް ދިނުމަށް ހަމަޖައްސާފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށް އެޗްޑީސީން ބުނެއެވެ. 

މި ޕްރޮޖެކްޓުގެެ ދަށުން އިމާރާތް ކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގައި ހުންނަ ލޮޓް 42-4 ގެ 16934.07 އަކަފޫޓުގެ ބިމުގައި 14 ފްލޯގެ އިމާރާތެއްގެ ގޮތުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓަށް ޝައުގުވެރިވާ މީހުން އަންނަ ޖެނުއަރީ މަހު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯށަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުންނާއި މައި ހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް