ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް---
މަނިޓަރީ އޮތޯރިޓީގެ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ މައިގަނޑު މަގްސަދުތަކަށް އިސްލާހު ގެނެސްފައި ވެއެވެ. އެ ގޮތުން، އެ އޮތޯރިޓީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، މި މަގްސަދު ހާސިލުކުރުމާއެކު ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުގެ ޒިންމާތައް މި ބިލުގައި ހިމަނާފައިވެއެވެ. ހަމަ އެއާއެކު، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ވެސް އެމް.އެމް.އޭ.ގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މި ބިލުގައި ހިމަނާފައިވެއެވެ.

އެމް.އެމް.އޭ.ގެ ޤާނޫނަށް ގެނައި މި އިސްލާހުގައި ގާނޫނުގައިވާ ބައެއް މާނަކުރުންތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ. އެ ގޮތުން، މާލީ އިދާރާ، ބޭންކު-ނޫން މާލީ ވިޔަފާރި، އަދި ގާނޫނުގައި "ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން" މާނަކޮށް މި ބިލުގައި ހިމަނާފައި ވެއެވެ. 

މީގެ އިތުރުން، އެމް.އެމް.އޭ.ގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރާއި ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތާއި، އެ މަގާމުތަކާއި ގުޅިގެން ހުރި ބައެއް މާއްދާތަކަށް ވެސް އިސްލާހު ގެނެސްފައިވެއެވެ. އަދި އެމް.އެމް.އޭ.ގެ މަސައްކަތްތަކާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނައުމުގެ އިތުރުން، މި ބިލުގައި އަލަށް ހިމަނާފައިވާ މާއްދާތަކާ ބައިތަކުގެ ތެރޭގައި ފޮރިން އެކްސްޗޭންޖްއާ ބެހޭ ކަންކަންކަމާއި "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަދި "ސެކިއުރިޓީޒް މާރކެޓް" އާ ގުޅޭ ކަންކަން މި ބިލުގައި ހިމަނާފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު، މި ގާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރައްވާ، އަމަލުކުރައްވަން ފަށްޓަވާފައެވެ.

މި ބިލަކީ، މި ހިނގާ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް