ads
ޕާކިން ޒޯން އިން ނިކުންނަ މަގު މެދު ޖަހާފާއި ހުރި ދިދަ ދަނޑި!
ސަރުކާރު ހިންގަނީ މީސްމީޑިއާ!
ބަވަނަ ވަމުންދާ ދުނިޔޭގައި ޝޯޝަލް މީޑިއާއަކީ ވަަރަށް ވެސް ބާރުގަދަ އަދި އަޑުގަދަ އެއް ޗަކަށްވަނީ ވެފައެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކަން އިތީ މިހެންނެވެ. މުޖުތަމައު ތެރޭގައި ހުންނަ މުހިންމު ހައްްލު ހޯދަން ބޭނުންވާ އެތަށް މައްސަލަތަކަކަށް ސޯޝަލް މީޑިއާގައި ޖަހާލާ އެންމެ ޕޯސްޓަކުން ވެސް ސިކުންތެއްގެ ތެރޭގައި ހައްލު ލިބިގެންދެއެވެ.

އެހެންނަމަވެސް ގައުމެއްގެ މުވައްސަސާއެއް ނުވަތަ ދައުލަތެއް މީސްމީޑިއާއިން ހިންގަން ޖެހުން މިއީ ދެރަވަރު ކަންކަމެވެ. ދައްކަން މިއުޅެނީ މިކުޑަކުޑަ ދިވެހިރާއްޖޭގެ ވާހަކައެވެ. އަބަދުވެސް ތަފާތު ދައްކާ އަޖައިބުވަނިވި ކަންތަތައް ފެންނަ މި ރާއްޖެއިން މިހުރީ ވެސް ހަމަ ވިސްނާ މީހަކު އަޖައިބު ވެ އަންތަރީސް ވާވަރު ކަންކަމެވެ. 

މިކަން މި ފޮޓޯއިން ތިފެންނަ މަންޒަރަށް ބަލާލިސް ސާފު ވާނެއެވެ. މިފެންނަނީ އެންމެފަހުން މާލޭ ސިޓީ ކަންސިލުން ރައްޔިތުންނަށް ހުސްކޮށްދީފައިވާ ޕާކިން ޒޯންގެ ސަރަހައްދެވެ. ޕާކިންގެ މައްސަލަތަކަށް ހައްލުހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރީގެ ދަރުމަވަންތަ ސްކޫލް ހުރިތަން ހުސްކޮށް ރައްޔިތުންނަށް ޕާކު ކުރެވޭނެ ބޮޑު ޖާގައެއް ދެއްކުމަށްފަހު ދެން ފެނުނީ ގައުމީ ބޮޑު ދިދައިން ސައިކަލްތައް އެ ޒޯންއަށް ވައްދާ ނިކުންމާ މަގުގައި ހުރަސް ބޯޑު އަޅުވާލިތަނެވެ. އެޔާއިއެކު އާއްމުންގެ މީހެެްއްގެ ކެމެރާައަށް ކެޕްޗާކޮށް މީސްމީޑިއާއަށް ދޫކޮށްލި ފޮޓޯގަނޑު ސިކުންތުކޮޅެއްގެ ތެރޭގައި ރަށަށް އަރާ ފައިބާގެންދިޔަ ރާޅެއްހެން މުޅި ރާއްޖެ އެލާޓުގެ ރަތް ބޮތްކާއިއެކު ދިއްލިގެންދިޔައިރު އަނެއް ދުވަހުގެ އިރު އެރީ އެ މައްސަލައަށް ހައްލު ލިބިގެންނެވެ. 

މިހާރު އެ ސަރަހައްދުގައި އާއްމުންނަށް އުދަގޫވާގޮތަށް ބެހެއްޓިފައިހުރި ދިދަޑި އެހުރީ ނެގިފައެވެ. މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނަނީ އެއީ މިމަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހަށް މާލޭގެ އެކި ސަރަަހައްދުތަކުގައި ހަރުކުރެވުނު ދިދަދަޑިތަކެއް ކަމަށާއި ދިދަޖެހުމުގެ ތެރެއިން އެ ސަރަހައްދު ބްލޮކްވާގޮތަށް ދިދަޖެހިފައިވަނީ އޮޅިގެން ކަމަށެވެ. އެހެންނަމަވެސް އެ ދިދަދަނޑީގެ ސަބަބަުން އެ ސަރަހައްދަށް ވަދެ ނިކުތުމަށް ދަތި ނުވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ފާހަގަކުރިއެވެ. 

ތެދެކެވެ. އެވަރުކަމެއް ހަމަ އޮޅިގެން ހިގާފާނެއެވެ. އަނެއްހެން ބުނާނަމަ މި ސަރުކާރަށް މިއީ އާ ކަމެއް ވެސް ނޫނެވެ. މިހާތަނަށް ރައްޔިތުންނަށް އުދަގޫވާގޮތަށް ކުރެވިފައިވާ ގިނަ ކަންތައްތައް މައްސަަލަ ނިމޭއިރު އޮންނަނީ އޮޅިގެން ކުރެވޭ ކަމަކަށް ވެ ނިމިފައެވެ. މިސާލަކަށް ބުނާނަމަ ކޮވިޑް ދުވަސްކޮޅު ކަރަންޓް ބިލްތަކަށް އޮޅިގެން ބިލްކުރެވުމާއި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މައާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ހުރި ޤައިދީއެއް މިދިޔަ އޭޕްރީލް މަސް ތެރޭގައި އޮޅިގެން ދޫކޮށްލެވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަައުމީ ތަރައްގީގެ ކޮމިޓީގައި ބޯހިޔާ ވަހިކަމަށް ދޫކުރާ 7000 ފްލެޓް ޖުލައި މަހު ދޫކުރެވޭ ކަމަށް ހައުސިން މިނިސްޓަރަށް ވިދާޅުވެވުނީ ވެސް ހަމަ އޮޅުމަކުންނެވެ. މިހުރީ ހުސް ހަމަ އޮޅިގެން ކުރެވިފައިވާ ކަންކަމެވެ. އެހެންކަމުން ތަނެއްގައި ދިދަ ދަނޑިއެއް ބަހައްޓާލެވުން އެއީ ވަރަށް ކުޑަކަމެކެވެ. 

އެހެންނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ އެފަދައިން ސަރުކާރަށް އޮޅޭކަންކަން ސަމާލުކަމަށް ގެނެސް ސިކުންތަކުން މީސްމީޑިއާ ހައްލުކޮށްދޭ ވާހަކައެވެ. އެއީ މުވައްސަސާ އަކުން އިހްމާލުވުންކަމަށް ވެސް ކަތްނެތްވެފައި އޮންނަ ސަރުކާރުގެ ކޮޅަށް ޖަހަންޖެހެނީ މީސްމީޑިއާގެ އެހީގައެވެ. ދެތިން މިސާލަކަށް ބަލާލާނަމެވެ. މާލޭގައި މަގުމަތިވެ ޑަސްބިން ހޮވާ ކާ މަސްމާރުކޭޓުގައި ނިދާ މައްސަލަައަށް އެތަށް މަހެއް ވަންދެން ހައްލު ނުހޯދިވަނިކޮށް އެ މައްސަލަ ނަގައި އާއްމުންގެ ސަމާލުކަމަށް ވެސް ގެންނަންޖެހުނީ ނޫސްވެރިންނެެވެ. ސީއެންއެމްއިން އެ މައްސަލަ ތިލަ ކުރިތާ އެއް ދުވަސްތެރޭ ސަރުކާރުގެ ސަމާލުކަމަށް އައިސް އެ ފަރާތްތަށްކަށް ވަނީ ބޯހިޔާ ވަހިކަން ފޯރުކޮށްދީފައެވެ.

އެހެންވީމާ މިއީ ސަރުކާރަށް ގޮތެއް ނެތިގެން ދޫކޮށްލެވިފައި ހުންނަ ކަންކަމޭވެސް ބުނެވޭކަށް ނެތެެވެ މިއީ ސަރުކާރަށް އެކަންކަމަށް ދޭންވީ ސަމާލުކަން ނުދެވި އިހުމާލުވެވިފައިވާ ކަންކަމެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިހާރު ގައުމުގެ ބޮޑުކަމެއް ހައްލުކުރަން ބޭނުންނަމަ ސޯޝަލް މީޑިއަގައި ޖަހާލުމުން ހައްލުވެގެންދާނެއެވެ. ބައެއް މީހުންގެ ބަހުންނަމަ މި ސަރުކާރަކީ "ޓްވިޓާ ސަރުކާރު" ނުވަތަ "މީސްމީޑިއާ ސަރުކާރު" އެވެ. އެކަން އެބަ ފެނޭވެސް މެއެވެ. އެމީހެއްގެ ހުރި މައްސަލައެއް ވިއްޔާ ސަރުކާރުގެ ސަމާލުކަމަށް ގެންނަނީ ކޮށްލާ އެންމެ ޓްވީޓަކުން ނުވަތަ ޕޯސްޓަކުންނެވެ. އެހާ ހިސާބުން ރައީސް ގެ ފޯނުކޮޅާއި ހިސާބަށް ވެސް އެ މިހާއަށް ވާސިލުވެވިފަ އެބަ ހުއްޓެވެ.

އެހެންކަމުން އަހަރެންގެ ނަޒަރުަގައި މި ސަރުކާރަކީ މީސްމިޑާއާގެ ޕަޕެޓެކެވެ. ސަރުކާރު ހިންގަނީވެސް ޓްވީޓާއިން ނުވަތަ މީސްމީޑިއާއިންނެވެ. އެހެންނަަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަދޭން އޮންނަ ދައުލަތެއްގެ މަސައްކަތްތައް ހުންނަންވާނީ މިހެންހެއްޔެވެ؟ ޒިންމާ އަދާކުރަން ޖެހެނީ މަޖުބޫރުކޮށްގެންތޯ؟ މިއީ ހަމަ އުފެދޭ ސުވާލެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް