
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މިދުވަސް ފާހަގަ ކުރާ މީހުންނަށް ވަރަށް އުފާވެރި ކްރިސްމަސް އަކަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.
މިއާއެކު އެތައްބައެއްގެ ފާޑުކިޔުންތައް ނަޝީދަށް ވަނީ އަމާޒުވެފައެވެ. އެއްބަޔަކު މިއީ ޝިރުކެއް ކަމަށް ބުނެ ނަޝީދަށް ފާޑު ކިޔާފައިވާއިރު، ބައެއް މީހުންވަނީ ކްރިސްމަސް ފާހަގަ ކުރާ މީހަކަށް ދުވަހުގެ ތަހުނިޔާ ރައްދު ކުރުމަކީ މި ދުވަސް ފާހަގަ ކުރުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.
ބައެއް މީހުން ވަނީ މިއީ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސަކު ކްރިސްމަސް ތަހުނިޔާ ފޮނުވި ފުރަތަމަ ފަހަރުކަމަށާޢި، މިއީ މުޅި ރާއްޖެއަށް ކުރިމަތިވީ ލަދެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމު ހައްގު ބޭފުޅެއްތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ބައެއް އިލްމުވެރިންގެ ފާޑުކިޔުންތައްވެސް ވަނީ ރައީސް ނަޝީދަށް ކުރިމަތިވެފައެވެ. އެގޮތުން މިކަމާ ގުޅިގެން ޝެއިހް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާންމުންގެ ބަޔަކު އެމީހަކަށް
"ބްލައިންޑްލީ" ފޮލޯ ކުރާ ރައީސެއްގެ ފަރާތުން އިސްލާމްދީނުގެ އަސާސްތަކާއި، އުސޫލުތަކާއި ފުށުއަރާ ފަދަ އަމަލުތަކާއި ބަސްތަކެއް ފެންނަނުން ދިޔުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ކައުންސިލް މެމްބަރަކު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ހައްދު ފަހަނައަޅާ ގޮސްފައިހުރި، ދީނުގެ އަދުއްވުން ފިޔަވައި މުސްލިމަކު ކްރިސްމަސް ފާހަގަ ކުރުމުގައި އެއްވެސް ގޮތަކުން ބައިވެރިވުން ރަނގަޅު ކަމަށް ނުބުނާނެ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓުވީޓު ކޮށްފައިވާއިރު، އިލްމުވެރިންގެ ގުޅުމުން ވަނީ ނަސާރާއިންގެ ކްރިސްމަސް ފާހަގަ ކުރުމާއި އެ ދުވަހުގެ އެއްވެސް ކަމެއްގައި ބައިވެރިވެ ނުވުމަށް ގޮވާލާފައެވެ.
ރާއްޖޭގެ އެކި ރިސޯޓުތަކުގައި ކްރިސްމަސް ފާހަގަކުރުމުގެ ކަންކަން ކުރިއަށްދާ އިރު، ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް އިލްމުވެރިންގެ ގުޅުމުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.